Wednesday, July 15, 2009

http://www.dharuma.net/articles/mar2008sha1.pdf

Tuesday, July 7, 2009

ދީނުގައި ޙައްދު ފަހަނަޅާ ދިއުން

އިބްރާހީމް އަޙްމަދު

ދީނުގައި ޙައްދު ފަހަނައަޅާ ދިއުން މިބަސް ޢަރަބި ބަހުގައި އައިސްފައިވަނީ اَلْغُلُوُّ މިބަހުގެ ގޮތުގައެވެ. މިބަހުގެ މާނައަކީ ޙައްދަށްވުރެ އިތުރުވުން ނުވަތަ ޙައްދު ފަހަނައަޅާ ދިއުމެވެ. މިބަހުގެ ޝަރުޢީ މާނައަކީ : ﷲގެ އަޅަކަށް ކަނޑައެޅިފައިވާ ޙައްދުގެ އިން ފަސްދީ ޝަރުޢުގައި ބަޔާންވެފައިވާ މިންވަރާ ދުރުވުމެވެ. މިޙާލަތުގައި އޭނާގެ ޚިޔާލަކީ ޝަރުޢުގައިވާ މިންވަރަކީ މަދުމިންވަރެއް ކަމުގައެވެ. އެވަރަކުން ނުފުދޭނެ ކަމުގައެވެ. މިހެންވެ އޭނާ އަމިއްލައަށް ކަންކަން އިތުރުކުރެވެނީއެވެ. އޭރު އޭނާ ހީކުރަނީ އެގޮތަށް އެކަން ކުރުމަކީ ޝަރުޢީ ގޮތުން ލިބޭ ކުރިއެރުމެއް ކަމުގައެވެ.

ދީނުގައި ހައްދުފަހަނައަޅާ ދިއުމަކީ ޙަރާމް ކަމެއްކަމުގެ ޙިކްމަތާއިމެދުގައި އަލްޢައްލާމާ ޑޮކްޓަރ ޔޫސުފުލްޤަރުޟާވީ ވިދާޅުވެފައިވާ ކަންކަމުގެ ކުރު ޚުލާޞާއެއްގައި ވެއެވެ.

1- ޙައްދު ފަހަނައަޅާ ދިއުމަކީ މީސްތަކުން ނަފްރަތު ކުރާކަމެކެވެ. އެހެންކަމުން އާދައިގެ ޢާއްމު އިންސާނުންގެ ޠަބީޢަތާއި މިކަމާއި ގުޅިގެންހުރި ކަންތައްތަކެއް ނުވާނެކަމުގައެވެ. މީސްތަކުންކުރެ މަދުބަޔަކު އެކަމަށް ކެތްތެރިވިޔަސް ގިނަ ބަޔަކަށް އެކަމަށް ކެތްތެރިއެއް ނުވެވޭނެއެވެ. ޝަރީޢަތަކީ ވަކިމީހަކަށް ނުވަތަ ވަކި ޚާއްޞަ ބަޔަކަށް އޮތް އެއްޗެއް ނޫނެވެ. އެއާއި ޚިލާފަށް އެންމެހާ މީސްތަކުންނާ މުޚާޠަބު ކުރާ އެއްޗެކެވެ. މިހެންވެ ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނުގެ އަޞްހާބުންގެ ތެރެއިން ހިމެނިވަޑައިގެން މުޢާޛު ބުނު ޖަބަލު މީސްތަކުންނާއިގެން އިމާމުވެ ވަޑައިގެން ދިގުކޮށް ނަމާދުކުރައްވާތީ އެކަމުގެ ޝަކުވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުގައި އެތަނުން މީހަކު ކުރެއްވުމުން އެކަލޭގެފާނު މުޢާޛު ބުނު ޖަބަލަށް ދެންނެވިއެވެ. ( أَفَتَّانُ أنتَ يَا مُعَاذ؟ )) و كررها ثلاثاً ) رواه البخاري މާނައަކީ " އޭ މުޢާޛެވެ! ކަލޭގެފާނު މީސްތަކުން ފިތުނަވެރި ކުރައްވަނީތޯއެވެ؟ މިގޮތަށް ތިންފަހަރު ތަކުރާރު ކުރެއްވިއެވެ. " މިފަދަ އެހެން ޙާދިޘާއެއްގައި މިގޮތަށް ޢަމަލު ކުރެއްވި އިމާމަށް ކޯފާ އިސްކުރައްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވެއެވެ. ( يا أيها الناس إن منكم منفرين، فأيكم ما صلى با لناس فليتجوز فإن فيهم المريض والكبير والضعيف وذا الحاجة) رواه البخاري މާނައަކީ: " އޭމީސްތަކުންނޭވެ. ތިޔަބައިމީހުންގެ ތެރޭގައި މީސްތަކުން ބައިބައިކުރާ ބަޔަކުވެއެވެ. ފަހެ ތިޔަބައިމީހުންކުރެ މީހަކު މީސްތަކުންނާއިގެން އިމާމުވެ ނަމާދު ކުރާނަމަ އެކަމުގައި ހުއްދަގޮތް ލުއިގޮތް ބޭނުންކުރާށެވެ. ފަހެ ތިޔަބައިމީހުންގެ ތެރޭގައި ބަލިމީހުންނާއި ޢުމުރުން ދުވަސްވެފައިވެފައިވާ މީހުންނާއި ނިކަމެތީންނާއި ކަންކަމުގެ މުހުތާދުވެފައިވާ ބޭނުން ޖެހިފައިވާ މީހުން ތިބޭނެއެވެ."

މިހެންކަމުން މުޢާޛު ބުނު ޖަބަލާއި އަބޫ މޫސަލްއަޝްޢަރީ ޔަމަނުކަރައަށް ފޮނުއްވަމުން އެދެބޭކަލުންނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (يَسِّرَا وَلاَ تُعَسِّرَا وَبَشِّرَاوَلاَ تُنَفَِّرَا وَتَطَاوَعَا وَلاَ تَخْتَلِفَا ) رواه البخاري މާނައަކީ:" ތިޔައިގެ ދެބޭކަލުން މީސްތަކުންނަށް ލުއިފަސޭހަކޮށް ދެއްވާށެވެ. އަދި ދީނުގެ ކަންކަން އުދަނގޫ ނުކުރައްވާށެވެ. އަދި ދީނުގެ ކަންކަމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ. އަދި ތިޔައިގެ ދެބޭކަލުން ﷲގެ އަމުރުތަކަށް ކިޔަމަންވާށެވެ! އަދި ކަންކަމުގައި އިޚްތިލާފު ނުވާށެވެ." އަދި ޢުމަރުބުނުލްޚައްޠާބު ރަޟިޔަﷲ ޢަންހުގެ ބަސްފުޅެއްގައި ވެއެވެ. لاَ تُبَغِّضُوا لله إِلىَ عِبَادِه فَيَكُوْن أحَدكم إماماً فَيُطَوِّل عَلَى الْقَوْم الصَّلاة حَتَّى يُبَغِّضَ إليهم ماهُم فِيْه " ﷲ ތަޢާލާއާއި މެދުގައި އެކަލާނގެ އަޅުތަކުންގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން ތިޔަބައިމީހުން ނުއުފައްދާށެވެ. މިގޮތުން ފަހެ ތިޔަބައިމީހުންކުރެ މީހަކު އިމާމަކު ކަމުގައިވާ ޙާލު ޖަމާޢަތުގެ މީހުންގެ މައްޗަށް ނަމާދު ދިގު ކުރުމުގެ ސަބަބުން އެނަމާދާއިމެދުގައި މީސްތަކުންގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން އުފެދި ދާ ދަރަޖައަށް ނަމާދު ދިގުނުކުރާށެވެ."

2- ހައްދުފަހަނައަޅާ ދިއުމަކީ ޢުމުރު ކުރުކަމެއް : އަދި އާދައިގެ މަތިން ހައްދުފަހަނައަޅާ ދިއުމުގައި ދެމިހުރުމަކީ ފަސޭހަކަމެއް ނޫނެވެ. ފަހެ އިންސާނާގެ ކިބައިގައިވާ ކަންކަން ކުރުމުގެ ޤާބިލުކަމާއި ކުޅަދާނަކަމަކީ ވަކިމިންވަރެއްގެ މަތީގައިވާ ކަމެކެވެ. ފަހަރެއްގައި ކަމެއްގައި ހަރުކަށިވެ އުދަގޫ އުފުލުމުގައި ކެތްތެރިވި ނަމަވެސް އެއުދަގުލުގައި ގިނަދުވަހު އުޅުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެކަން އެހެން ގޮތަކަށް ބަދަލުވެގެން ދިޔުމަކީ ދާދި ގާތުގައިވާ ކަމެކެވެ. މިހެންވެ ސަލާމާއި ޞަލަވާތްލެއްވި ﷲގެ ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ الْمُنْبَتَّ لاَ أَرْضًا قَطع وَلاَ ظَهْرًا أَبْقَى )رواه البيهقي މާނައަކީ: " އޯގާތެރިކަން ދޫކޮށް ހަރުކަށިވާ ފަރާތަކަށް އޭނާގެ މަންޒިލަކަށް ނުދެވޭނެއެވެ. އަދި އޭނާ ސަވާރީ ދެމިއެއްވެސް ނުއޮންނާނެއެވެ."

މިއުޞޫލަށް ބަލާއިރު އަޅުގަނޑުމެންނަށް ފެނިގެންދަނީ މިކަންކަމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބާރުއަޅުއްވާފައިވާ ތަނެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ. ( يا أيها الناس عليكم من الأعمال ما تُطيقون ، فإن الله لا يمل حتي تملوا، وإن أحب الأعمال إلى الله ما دووم عليه وإن قل ) رواه البخاري މާނައަކީ " އޭމީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ކުޅަދާނަ މިންވަރަކުން ޢަމަލުތަކުގައި ހިފަހައްޓާށެވެ! ފަހެ ތިޔަބައިމީހުން ފޫހިވެގެންދާ ފަދައިން ﷲ ތަޢާލާ ފޫހިވެ ވޮޑިނުގަންނަވައެވެ. އަދި ހަމަކަށަވަރުން ﷲ ލޯބިވެ ވޮޑިގަންނަވަނީ ތިޔަބައިމީހުން ކުރާ ޢަމަލުތައް އެއީ ކިތައްމެ ކުޑަ ޢަމަލެއް ކަމުގައި ވިޔަސް ދާއިމީގޮތެއްގައި އެކަން ކުރުމަށެވެ. " އަދިވެސް އިބްނު ޢައްބާސް ރިވާކުރައްވާފައި ވެއެވެ. كانت مولاة للنبي صلى الله عليه وسلم تصوم النهار وتقوم الليل ، فقيل له : ( إنها تصوم النهار وتقوم الليل ) فقال رسول الله صلى الله عليه وسلم ( إن لكل عمل شِرَّةولكل شِرة فترة فمن كانت فترته الى سنتي فقد اهتدى ومن كانت فترته إلى غير ذلك فقد ضل ) رواه البزار މާނައަކީ: ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޖާރިޔާއަކު ދުވާލު ރޯދަހިފައި ރޭގަޑު ރޭއަޅުކަންކޮށް އުޅޭކަމުގައި ވިއެވެ. ދެން އެކަމަނާގެ މިޢަމަލާއިމެދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ސުވާލު ދެންނެވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ކޮންމެ ޢަމަލެއްގައިވެސް ހީވާގިކަމަކާއި މިންވަރެއް ލެއްވެވިއެވެ. އަދި ކޮންމެ ކަމެއްގައި ހީވާގި ވުމުގައި ދަރަޖަ ތަކެއް ލެއްވިއެވެ. އެމީހެއްގެ ދަރަޖަ ތިމަންކަލޭގެފާނުގެ ސުންނަތުގެ މަތީގައި ބިނާކޮށްފިނަމަ ފަހެ އެމީހަކަށް ތެދުމަގު ލިބިއްޖެއެވެ. އެހެންނަމަވެސް އެމީހެއްގެ ދަރަޖައާއި ގޮތް އެހެން އުޞޫލަކަށް ވާނަމަ ފަހެ އެމީހާ މަގުފުރެދިއްޖެއެވެ.

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ( إن الدين يُسْر ولن يشاد الد ين أحد إلا غَلَبه ،
فسد دوا وقاربوا وأبشروا واستعينوا با الغدوة وشيئ من الد لجة ) رواه البخاري މާނައަކީ : " ހަމަކަށަވަރުން ދީނަކީ ލުއިފަސޭހަވެގެންވާ ދީނެވެ. އެއްވެސް މީހަކު ދީނަކީ ހަރުކަށި އެއްޗެއްކަމުގައި ނުބަލާށެވެ. ފަހެ ތިޔަބައިމީހުން ތެދުބަހުގައި ހެއުގޮތުގައި ހިފަހައްޓާށެވެ. އަދި ހަރުކަށިކަން ދޫކޮށް ފުރިހަމަ ހެއުގޮތުގައި އުޅޭން އުދަގޫނަމަ އެއާއި އެންމެ ގާތްވެގެންވާ ގޮތުގައި ތިޔަބައިމީހުން ހިފަހައްޓާށެވެ. އަދި ދާއިމީކޮށް ކިތައްމެ ކުޑަހެއު ޢަމަލެއް ކުރިޔަސް އެކަމުގައި އެކުލެވޭ ޘަވާބުގެ މަތިން އުފާވެރިކަމުގެ ޚަބަރުދޭށެވެ. އަދި މިގޮތުގައި ދެމިހުރުމަށް ހުރިހާ ވަގުތެއްގައިވެސް ތިޔަބައިމީހުން ވާގިއެދޭށެވެ."

3- ހައްދުފަހަނައަޅާ ދިއުމަކީ އަނިޔާވެރިކަމުން ހުސްވެފައިވާ ކަމެއްކަމުގައި ނުވުން : އެހެންކަމުން އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުމާއި މިފަދަ ކަންކަމަކީ ޙައްދު ފަހަނައަޅާފައިވާ މީހެއްގެ ކިބައިގައި ހުންނާނެ ކަންކަމެވެ. އެހެންނަމަވެސް އިސްލާމްދީން ގޮވާލަނީ ވާޖިބުތަކަށް ބެލުމަށާއި އަދާކުރަންޖެހޭ ކަންކަން އެގޮތުގައި އަދާކުރުމަށެވެ. ޙިކްމަތްތެރިއެއްގެ ބަހެއްގައި އައިސްފައިވެއެވެ. " އިސްރާފެއްކަމުގައިވާ ކޮންމެ ކަމެއް ތިމަން ދެކެނީ އެކަމުގައި ގެއްލިފައިވާ ޙައްޤެއް ވާނެކަމުގައެވެ." ސަލާމާއި ޞަލަވާތް ލެއްވި ﷲގެ ރަސޫލާ ޢަބްދުﷲ ބުނު ޢުމަރަށް އެކަލޭގެފާނު އެކަލޭގެފާނުގެ އަހުލުންގެ ޙައްޤަށް ފަރުވާކުޑަކުރައްވާ އަޅުކަން ކުރައްވާތީ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. " އޭ ޢަބްދުﷲއެވެ.! ކަލޭގެފާނު ދުވާލު ރޯދައަށް ހުންނަވާ ރޭގަޑު ރޭއަޅުކަން ކުރައްވާ އުޅުއްވާ ކަމަށް ވިދާޅެއްނުވަންތޯއެވެ. ފަހެ އެހިދު އިބްނު ޢުމަރު ވިދާޅުވިއެވެ. އޭﷲގެ ރަސޫލާއެވެ. އާދޭހެވެ! ފަހެ މިހިދުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. قال يا عبد الله ألم أخبر أنك تصوم النهار و تقوم الليل ؟ فقال قلت بلى يا رسول الله ، فقال صلى الله عليه وسلم : فلا تفعل ، صم وأفطر وقم ونم ، فإن لجسدك عليك حقا ، وإن لعينك عليك حقا ، وإن لزوجك عليك حقا، وإن لزورك عليك حقا ) رواه البخاري ފަހެ ކަލޭގެފާނު އެފަދައިން ކަންތައްތައް ނުކުރައްވާށެވެ! ރޯދަ ހިއްޕަވާށެވެ. އަދި ރޯދަ ނުހިއްޕަވާ ދުވަސްވެސް ބަހައްޓަވާށެވެ. އަދި ރޭއަޅުކަން ކުރައްވާށެވެ! އަދި އަވަހާރަފުޅު ލައްޕަވާށެވެ! ފަހެ ހަމަކަށަވަރުން ކަލޭގެފާނުގެ ހަށިގަޑަށްޓަކައިވާ ޙައްޤުތަކެއް ވެއެވެ. އަދި ކަލޭގެފާނުގެ ލޯފުޅަށްޓަކައިވާ ޙައްޤުތަކެއް ވެއެވެ. އަދި ކަލޭގެފާނުގެ އަނބިކަނބަލުންނަށްވާ ޙައްޤެއް ވެއެވެ.އަދި ކަލޭގެފާނަށް ޒިޔާރަތް ކުރާ މީހުންނަށްވާ ޙައްޤެއްވެސް ވެއެވެ." ފަހެ ކޮންމެ ފަރާތަކަށް އެފަރާތެއްގެ ޙައްޤު ފުރިހަމަ ގޮތުގައި ދޭށެވެ. އަދި އެހެންމީހެއްގެ ޙައްދުގެ ތެރެއަށް ވަދެ ނުހަދާށެވެ.

ހަމަ އެފަދައިން ސަލްމާނުލްފާރިސީ ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ އަޚް ޒާހިދު އަޅުވެރި އަބުއްދަރުދާއަށް ވިދާޅުވި ބަސްފުޅަކީ ފާހަގަ ކުރެވޭ ބަސްފުޅެކެވެ. ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ މިދެބޭކަލުންގެ ދެމެދުގައި އަޚު ކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން އެދެބޭކަލުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އުފެދިފައި ވެއެވެ.ފަހެ މީގެ ތެރެއިން ދުވަހެއްގައި ސަލްމާނުލްފާރިސީ އަބުއްދަރުދާއުގެ އަރިއަހަށް ޒިޔާރަތް ކުރެއްވިއިރު އެކަލޭގެފާނުގެ އަނބިކަނބަލުން އުއްމުއްދަރުދާއު ހިތާމަ ކުރައްވާތީ ދެކެވަޑައިގަތެވެ. ދެން ސަލްމާނުލްފާރިސީ އުއްމުއްދަރުދާއަށް ދެންނެވިއެވެ. ކަމަނާގެ ކަންތައްތައް ކިހެނެއްތޯ؟ އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނުގެ އަޚް އަބުއްދަރުދާއަށް ދުނިޔޭގެ ބޭނުމެއް ނުވެއެވެ. މިވާހަކައިގައި ތިއްބަވަނިކޮށް އަބުއްދަރުދާއު ވަޑައިގަތުމުން ކާބޯތަކެތި ތައްޔާރު ކުރައްވައިގެން ގެންދެވިއެވެ.ފަހެ އެކަލޭގެފާނަށް ވިދާޅުވިއެވެ. ފަރިއްކުޅުއްވާށެވެ. ވިދާޅުވިއެވެ. ތިމަން މިހުންނެވީ ރޯދައަށެވެ. ސަލްމާނު ވިދާޅުވިއެވެ. ކަލޭގެފާނު ފަރިއްނުކުޅުއްވާނަމަ ތިމަންވެސް ފަރިއްނުކުޅުއްވާހުށީމެވެ. ދެން އަބުއްދަރުދާއު ފަރިއްކުޅުއްވައިފިއެވެ. ފަހެ ރޭގަޑުގެ ވަގުތުގައި އަބުއްދަރުދާއު ރޭއަޅުކަން ކުރައްވަން އުޅުއްވަން ފެއްޓެވުމުން ސަލްމާނު ވިދާޅުވިއެވެ. ކަލޭގެފާނު އަވަހާރަފުޅު ލައްޕަވާށެވެ! ދެން އަބުއްދަރުދާއު އަވަހާރަފުޅު ލައްޕެވިއެވެ. ރޭގަޑުގެ އެންމެ ފަހު ދަމުގައި ސަލްމާނުލްފާރިސީ ތެދުވެވަޑައިގެން އަބުއްދަރުދާއަށް ވިދާޅުވިއެވެ. ކަލޭގެފާނު ތެދުވެ ވަޑައިގަންނަވާށެވެ. ދެން މީގެ ދެބޭކަލުން ރޭ އަޅުކަން ކުރެއްވިއެވެ. އަދި ސަލްމާނު އަބުއްދަރުދާއަށް ވިދާޅުވިއެވެ. " ފަހެ ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި ކަލާނގެއަށްޓަކައި ކަލޭގެފާނު އަދާކުރަންޖެހޭ ޙައްޤުތަކެއްވެއެވެ. އަދި ކަލޭގެފާނުގެ ހަށިގަޑަށްޓަކައިވާ ޙައްޤުތަކެއް ވެއެވެ. އަދި ކަލޭގެފާނުގެ އަނބިކަނބަލުންނަށްވާ ޙައްޤެއް ވެއެވެ. ފަހެ ކޮންމެ ފަރާތަކަށް އެފަރާތެއްގެ ޙައްޤު ފުރިހަމަ ގޮތުގައި ދޭށެވެ." ދެން އެއަށްފަހު ސަލްމާނުލްފާރިސީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިއަހަށް ވަޑައިގެން މިވާހަކަތައް ވިދާޅުވެ ދެއްވިއެވެ. ފަހެ މިހިދުގައި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. (صدق سلمان ) رواه البخاري މާނައަކީ "ސަލްމާނުގެ ތިޔަބަސްފުޅުގެ ތެދުކަމާއެވެ!" (ނުނިމޭ)
އިބްރާހީމް އަޙްމަދު

ދީނުގައި ޙައްދުފަހަނައަޅާ ދިއުމުގެ މަޘްހަރުތައް:


ދީނުގައި ޙައްދުފަހަނައަޅާ ދިއުމުގެ މަޡްހަރުތަކެއް ތަޢާރަފުވެފައިވާ ކަމަށް ޢިލްމުވެރިން ވަނީ ބަޔާން ކުރައްވާފައެވެ. މިގޮތުން ފާހަގަކުރެވޭ ކަންތައްތަކަކީ؛

ތަފާތު ރައުޔުތަކުގައި ތަޢައްޞަބުވުން :

އިޖްތިހާދީ ކަންތައްތަކާއި އިޙްތިމާލު ކަންކަމުގައި އަނެކާގެ ރައުޔަށް އިޢުތިރާފު ވުމެއް ނެތި ތިމާގެ ރައުޔުގައި ހިފެހެއްޓުން އަދި ހަމަ އެފަދައިން ވަރަށް ގިނަފަހަރަށް އިޖްތިހާދީ ކަންކަމަކީ ޔަޤީން ކަންކަމަށް ބަދަލުކޮށް އޭގައި ކަނޑައެޅިފައިވާ ވަކި ގޮތްތަކެއް ވާކަމަށް ބުނުން، އަދި އެކަމުގައި އެތައް ޚިޔާލެއް ނެތްކަމާއި އެންމެ ޚިޔާލެއް އޮތްކަމާއި އެޚިޔާލަކީ އެގޮތަކީ އޭނާ ތާއީދުކުރާ އޭނާގެ ގޮތްކަމަށް ބުނުމެވެ.

މިފަދަ ފަރާތްތަކުން އެހެންމީހުންގެ ރައުޔަށް ނުވަތަ ހެއްކަކަށް ދަލީލަކަށް ފުރުޞަތެއް ނުދޭނެއެވެ. އަދި ހަމަ އެފަދައިން އެހެންމީހުންގެ ވާހަކަތަކާ އޭނާގެ ވާހަކަތަކާ އަޅާކިޔުމެއްވެސް ނުގެންގުޅޭނެއެވެ. އެންމެ ޢަޖާއިބު ކަމަކީ މިފަދަ މީހުން އިޖްތިހާދު ކުރުމުގެ ޤާބިލުކަން ލިބިފައިނުވާ މިފަދަ މީހުން މައްސަލަތަކުގެ އެންމެ ފުންމިނަށްވަދެ ބޮޑެތި މައްސަލަތަކުގައި ފަތުވާދީ ހަދަމުންދާ ކަމެވެ. އަދި އޭނާ އެ އިޖްތިހާދު ކުރާފަދައިން ތަޚައްޞުޞުވެފައިވާ ޢިލްމުވެރި މުޖުތަހިދުންނަށް އިޖްތިހާދު ކުރެވިދާނެކަމަށް ޤަބޫލު ނުކުރުމެވެ. އޭނާ ބުނަމުންދާ ކަހަލައެވެ.

" ވާހަކަދައްކާ އުޅުމަކީ ތިމާއަށް ލިބިފައިވާ ޙައްޤެކެވެ. އެބަސްތަކަށް ތަބާވުން އެހެން މީހުންގެ މައްޗަށް ވާޖިބެވެ. ތިމަންގެ ރައުޔަކީ ފުރިހަމަ އެއްޗެކެވެ. އޭގައި އެއްވެސް ކުށެއް ނުވަތަ އުނިކަމެއް ނުވެއެވެ. ކަލޭގެ ރައުޔު ގޯހެވެ. މިކަމުގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ހަރުކަށިކަމާއި ލަޓިބުރީގެ ބާރުގައި ތިމާގެ ރައުޔު އަނެކާގެ މައްޗަށް ވެރިކުރުވުމަށް ކުރާ މަސައްކަތެވެ."

ﷲ އިންސާނާގެ މައްޗަށް ލާޒިމު ނުކުރާ ކަންތައްތަކެއް މީސްތަކުންގެ މައްޗަށް ލާޒިމު ކުރުވުން: އިސްލާމްދީނުގައި ހައްދު ފަހަނައަޅާ ދިއުމުގެ ތެރޭގައި ކަންކަމުގައި ލުއިފަސޭހަގޮތް ވަނިކޮށް އެކަންކަމުގައި ހިމެނޭ އުދަގޫ ބުރަގޮތްތައް ތިމާގެ ނަފްސުގެ މައްޗަށް ލާޒިމުކުރުން ހިމެނެއެވެ.ދަތި ޙާލުގެ ވަގުތުގައި ފަސޭހަ ގޮތަށް ދިއުމަށް އެއްވެސް މުސްލިމަކަށް ނުރުހުމެއް ވުމެއް ނުވެއެވެ. އަދި ކަމެއްގައި ﷲ ދެއްވާފައިވާ ހުއްދަ ދޫކޮށެއްވެސް ނުލެވޭނެއެވެ. އެވަގުތުގައި ދަތިޙާލުން ސަލާމަތްވުމަށް ﷲ ދެއްވާފައިވާ ލުއިފަސޭހަކަމުގެ ހުއްދަ ބޭނުން ކުރަން ޖެހެއެވެ. މިކަމަށް އިޝާރާތް ކުރައްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވި ބަސްފުޅެއްގައި ވެއެވެ.(يَسِّرُوْا وَلاَ تُعَسِّرُوْا وَبَشِّرُوْا وَلاَ تُنَفَِّرُوْا) رواه البخاري މާނައަކީ:" ތިޔަބައިމީހުން މީސްތަކުންނަށް ލުއިފަސޭހަކޮށް ދޭށެވެ. އަދި ދީނުގެ ކަންކަން އުދަނގޫ ނުކުރައްވާށެވެ. އަދި ދީނުގެ ކަންކަމުގެ އުފާވެރިކަމުގެ ޚަބަރު ދޭށެވެ! އެކަމުގައި މީސްތަކުން ފިތުނަވެރިކޮށް ބައިބައި ނުކުރުވާށެވެ!"

އަދިވެސް އެހެން ބަސްފުޅެއްގައި ވެއެވެ. ( إِنَّ اللهَ يُحِبُّ أن تؤتى رخصه كَمَا يكرهُ أن تؤتي معصيته ) ) رواه أحمد މާނައަކީ: ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ލޯބިވެ ވޮޑިގެންވަނީ އެކަލާނގެ ދެއްވި ހުއްދަތަކުގެ ބޭނުން ކުރެއްވުމަށެވެ. އެއީ އެކަލާނގެއަށް އުރެދެވޭ ކަންތައްތަކަށް އަރައިގަތުމަށް އެކަލާނގެ ރުހިވޮޑިގެން ނުވާފަދައިންނެވެ." މިކަމަށް އިޝާރާތް ކުރައްވާ ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (يُرِيْدُ اللهُ بِكُمُ الْيُسْرَ وَلاَ يُرِيْدُ بِكُمُ الْعُسْرَ) (البقرة 185) މާނައަކީ : ﷲ ތަޢާލާ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތްތަށް އިރާދަކުރައްވައެވެ. ދަތިއުދަނގޫ ގޮތް ތިޔަބައިމީހުންނަށް މެދުވެރި ކުރައްވާކަށް އިރާދައެއް ނުކުރައްވައެވެ." ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢަމަލު ފުޅުތަކުގައި މިކަންކަން މިގޮތުގައި އަޅުގަނޑުމެންނަށް ވަނީ ދައްކަވާފައެވެ. އެކަލޭގެފާނުގެ ޢަމަލުތަކާމެދު ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެފައި ވެއެވެ." عن عائشة رضي الله عنها قالت: (مَا خُيِّرَ رَسُوْلُاللهِ صَلىَّ اللهُ عَلَيْهِ وَسَلَّم بَيْنَ أَمْرَيْنِ إلاَّ اخْتَاَرَ أَيْسَرهُمَا مَا لَمْ يَكُنْ إِثْمًا ) رواه البخاري މާނައަކީ : ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ކިރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ދެކަމުން ކަމެއް އިޚްތިޔާރު ކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގެންފިނަމަ އެދެކަމުން ލުއިފަސޭހަކަމެއް އެކަމަކީ ފާފައެއް ކަމަށްނުވާނަމަ އިޚްތިޔާރު ކުރައްވައެވެ."

އެއްވެސް މުސްލިމަކަށް މީސްތަކުންގެ މައްޗަށް އެއީ ދީނީ ކަމެއްކަމުގައި ވިޔަސް ނުވަތަ ދުނިޔެވީ ކަމެއްކަމުގައި ވިޔަސް އެކަންކަމުގައި ދަތި އުދަގޫ ގޮތްތައް ލާޒިމުކުރުން ހުއްދަވެގެންނެއް ނުވެއެވެ. ފަހެ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ( وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِيْ كَانَتْ عَلَيْهِمْ) ( الأعراف 157) މާނައަކީ: "އަދި ފައިދާހުރި ރަގަޅުތަކެތި އެބައިމީހުންނަށް ހުއްދަ ކުރައްވައެވެ. އަދި ނުބައިވެގެންވާ ތަކެތި އެބައިމީހުންނަށް ހަރާމް ކުރެއްވިއެވެ. އަދި އެބައިމީހުންގެ ކިބައިގައިވާ ބުރަތަކާއި ކަސްތޮޅުތައް ނެތިކުރައްވައި ލުއިކުރައްވައެވެ." ފަހެ ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނު އެކަހެރި ޙާލުކޮޅުގައި ނަމާދު ކުރައްވާނަމަ ނަމާދު ދިގުކުރައްވައެވެ. އެކަމަކު އެކަލޭގެފާނު މީސްތަކުންނާއިގެން ނަމާދު ކުރައްވާނަމަ ނަމާދު ލުއިކުރައްވައިގެން އަވަސްކުރައްވައިގެން ކުރައްވައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ. (إذا صَلَّي أَحَدكُمْ لِنَفْسِهِ فَلْيُطَوِّلَ مَا شَاء ) رواه البخاري މާނައަކީ: ތިޔަބައިމީހުންކުރެ މީހަކު އަމިއްލައަށް އެކަހެރިކޮށް ނަމާދުކުރާނަމަ އެމީހަކު ބޭނުން މިންވަރަކަށް ނަމާދު ދިގު ކުރާހުށިކަމެވެ. އަދިވެސް ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުގައި ވާކަމަށް އިބްނު މަސްޢޫދު ރިވާކުރައްވާފައި ވެއެވެ. عن ابن مسعود الأنصاري قال : قال رجل يارسو ل الله : إني لَأَتَاَخَّرُ عن الصلاة فى الفجر مما يطيل بنا فلان فيها ، فغضب رسول الله صلى الله عليه وسلم ، ما رأيته في موضع كان أشد غضبا منه يو مئذ ثم قال يا أيها الناس إن منكم منفرين، فأيكم ما صلى با لناس فليتجوز فإن فيهم المريض والكبير والضعيف وذا الحاجة) رواه البخاري މާނައަކީ: "އިބްނު މަސްޢޫދުލްއަންޞާރީއޭ ކިޔޭ ބޭކަލު ރިވާކުރެއްވިއެވެ. މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަން ފަތިސްނަމާދަށް ދިއުމަށް ފަސްޖެހިފައި ހުރެމެވެ. އެއީ މިވެނި މީހަކު އެނަމާދު ކުރުމުގައި ދިގުކޮށް ނަމާދު ކުރާތީއެވެ. މިހިނދުގައި ދުވަހަކުވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޯފާވެ ވަޑައިނުގަންނަވާ ދަރަޖައަށް ކޯފާއިސްކުރައްވާ ވިދާޅުވިއެވެ. އޭމީސްތަކުންނޭވެ. ތިޔަބައިމީހުންގެ ތެރޭގައި މީސްތަކުން ބައިބައިކުރާ ބަޔަކުވެއެވެ. ފަހެ ތިޔަބައިމީހުންކުރެ މީހަކު މީސްތަކުންނާއިގެން އިމާމުވެ ނަމާދު ކުރާނަމަ އެކަމުގައި ހުއްދަ ގޮތް ލުއިގޮތް ބޭނުންކުރާށެވެ. ފަހެ ތިޔަބައިމީހުންގެ ތެރޭގައި ބަލިމީހުންނާއި ޢުމުރުން ދުވަސްވެފައިވެފައިވާ މީހުންނާއި ނިކަމެތީންނާއި ކަންކަމުގެ މުހުތާދުވެފައިވާ ބޭނުން ޖެހިފައިވާ މީހުން ތިބޭނެއެވެ." އަދި ހަމަ އެފަދައިން މުޢާޛު ބުނު ޖަބަލު އެކަލޭގެފާނުގެ ޤައުމުގެ މީހުންނާއިގެން ނަމާދު ދިގު ކުރައްވާތީ ވެސް ރަސޫލާ އެކަލޭގެފާނަށް މިކަމާމެދު ވިދާޅުވިއެވެ. ( أَفَتَّانُ أنتَ يَا مُعَاذ؟ )) و كررها ثلاثاً ) رواه البخاري މާނައަކީ " އޭ މުޢާޛެވެ! ކަލޭގެފާނު މީސްތަކުން ފިތުނަވެރި ކުރައްވަނީތޯއެވެ؟ މިގޮތަށް ތިންފަހަރު ތަކުރާރު ކުރެއްވިއެވެ. "

އަދިވެސް އަނަސްގެފާނުގެ އަރިހުން ރިވާވެފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إِنِّيْ لَأَدْخُل فِى الصَّلاَةِ وَ أَنَا أُرِيْدُ إِطَا لَتَهَا فَأَسْمَع بُكَاء الصَّبِيّ فَأَتَجَوَّز في صلا تي مما أعلم من شدةوجد أمه من بكا ئه ) رواه البخاري މާނައަކީ: " ހަމަކަށަވަރުން ތިމަންކަލޭގެފާނު ނަމާދު ކުރައްވަން ފައްޓަވަނީ ނަމާދު ދިގުކުރައްވަން ބޭނުންފުޅުވެ ހުންނަވައެވެ. ފަހެ ތިމަންކަލޭގެފާނު ނަމާދަށް ހުންނަވަނިކޮށް ކުޑަކުއްޖަކު ރޯއަޑު އިވިއްޖެނަމަ ތިމަންކަލޭގެފާނުގެ ނަމާދު ކުރުކުރައްވަމެވެ. އެއީ އެކުއްޖާގެ ރުއިމުން އެކުއްޖާގެ މަންމައަށް ލިބޭނެ އުދަގުލާ ހިތްދަތިކަން ތިމަންކަލޭގެފާނަށް ވިސްނިވަޑައިގަންނަވާތީއެވެ. "

މީސްތަކުންގެ މައްޗަށް ދީނުގެ ކަންކަމުގައި ހަރުކަށިވުމުގައި ގަދަވެގެންވާ ސުންނަތާއި ސުންނަތުގައި ހިމެނޭ ކަންކަން ފަރުޟު ކަންކަމުގައި ދެކުން ހިމެނެއެވެ. އަދި މަކްރޫހަކަންތައް ޙަރާމް ކަންކަމަށް ހެދުން ހިމެނެއެވެ. މިކަމުގައި އެންމެ ހެއު ރަގަޅު ގޮތަކީ ﷲ މީސްތަކުންގެ މައްޗަށް ވާޖިބު ކުރެއްވި ކަމަކަށް މެނުވީ ވާޖިބު ކަމެކޭ ނުބުނުމެވެ.ވާޖިބު ކަންކަން ފިޔަވައި އެހެނިހެން ކަންކަމުގައި އެއިންސާނާއަށް މާތްﷲ ދެއްވެވި މަތިވެރި އިޚްތިޔާރުގެ ދަށުން އެބައިމީހުން ބޭނުންނަމަ އެކަން ކުރާނީއެވެ. ނުވަތަ ބޭނުންނަމަ ނުކޮށް ދޫކުރާނީއެވެ. މިކަމާއިމެދު ޠަލްޙާ ބިން ޢުބައިދިﷲ ގެ އަރިހުން ވާރިދުވެފައިވާ އެ އަޢުރާބީގެ ވާހަކަ ބަޔާން ކުރާ ޙަދީޘް ވެއެވެ. އެއަޢުރާބީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ފަރުޟު ކުރެއްވި ކަންތަކާއިމެދުގައި ވާހަކަދެކެވުނު ހިދު އެއަ ޢުރާބީއަށް ޙަދީޘް ކުރެއްވި ބަސްފުޅުގައިވަނީ ފަރުޟު ފަސްނަމާދު ކުރުމާއި ޒަކާތް ދިނުމާއި ރަމަޟާން މަހު ރޯދަހިފުމާއި މިކަންކަމެވެ. އެހިދު އެއަޢުރާބީ ދެންނެވިއެވެ. މިނޫންކަމެއް ވޭތޯއެވެ؟ ރަސޫލާ ހަދީޘް ކުރެއްވިއެވެ. ނޫނެކެވެ،. އެމީހަކު ތަޠައްވުޢުގެ ގޮތުން ކުރުމަށް މެނުވީއެވެ. ދެން އެމީހާ އެތަނުން ފުރަގަސްދީ ދާންވީ ހިނދު ﷲ ގަންދެއްވާ ހުވާވިދާޅުވެފައި ވިދާޅުވިއެވެ. މިޔަށްވުރެ އިތުރުކުރުމެއް ( ފަރުޟަށްވުރެ ) ނުގެންގުޅުއްވާހުށީމެވެ. އަދި ފަރުޟު އެއްވެސް ކަމެއް ދޫނުކުރައްވާ ހުށީމެވެ. ފަހެ މިހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ( أَفْلَحَ إِنْ صَدَق ، أَوْ دَخَلَ الْجَنَّةَ إِنْ صَدَق) رواه البخاري މާނައަކީ : "އެބަހާ އެއްގޮތަށް ޢަމަލު ކުރައްވައިފިނަމަ ކާމިޔާބު ލިބިއްޖެއެވެ. ނުވަތަ އެބަސް ތެދުކަމުގައި ވާނަމަ ސުވަރުގެ ޙާޞިލު ކުރައްވައިފިއެވެ
22 މާރޗް 2009، 01:20 އާދީއްތަ



ހައްދު ފަހަނަޅާ ދިއުމާއި ހަރުކަށިވާން ނުޖެހޭ ތަންތާގައި އެކަން އެގޮތަށް ކުރުން

އިބްރާހީމް އަޙްމަދު

ހަރުކަށިވެ ހައްދުފަހަނައަޅާ ދާންޖެހޭ ފަދަ ވަގުތާއި ދަޑިވަޅުތަކާއި ޚިލާފުކޮށް އެކަން ވެގެންދިޔުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. މިސާލަކަށް އިސްލާމީ ދައުލަތެއްގެ ތެރޭގައި އިސްލާމް ދީނަށް އަލަށް ވަން މީހެއް ނުވަތަ އަލަށް ތައުބާވި މީހެއް، ނޫންނަމަ އިސްލާމީ ދައުލަތެއް ނޫން ތަނެއްގައި އަލަށް އިސްލާމްވި މީހެއް ނުވަތަ ތިމާގެ އަމިއްލަ ޤައުމުނުވަތަ ރަށްނޫން އެހެން ތަނެއްގައި އަލަށް އިސްލާމްވި މީހެއް މިފަދަ މީހުންނާއި މެދު ފަރުޢީ މައްސަލަތަކުގައި ލުއިފަސޭހަ ކޮށްދިނުން އެދެވިގެން ވެއެވެ. އަދި ހަމަ އެފަދައިން ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު ހުރި މައްސަލަތަކުގައިވެސް ލުއިފަސޭހަ ގޮތަށް ޢަމަލު ކުރުން މުހިންމެވެ. އަދި އެންމެ ފުރަތަމަ މިފަދަ މީހުންގެ ޢަޤީދާ އިޞްލާޙު ކުރުން މުހިންމެވެ. އަދި އެކަންކަން ކާމިޔާބުވެ އެކަމާމެދު ހިތްހަމަޖެހުމުން އިސްލާމްދީނުގެ ރުކުންތައް ދަސްކޮށްދީ އެކަންކަން އަންގައިދޭނީ އެވެ. ދެން އެއަށްފަހު އީމާންކަމުގެ ބައިތަކަށް ވަންނާނީއެވެ.


ދެން އިޙްސާންތެރިކަމުގެ ބައިތަކަށް ވަންނާނީއެވެ. މިހެންވެ ސަލާމާއި ޞަލަވާތްލެއްވި ﷲގެ ރަސޫލާ މުޢާޛު ބުނު ޖަބަލަށް ދެންނެވިއެވެ. قال رسول الله صلى الله عليه وسلم لمعاذ بن جبل لما أرسله إلى اليمن " إنك تأتي قوما من أهل الكتاب فادعهم إلى شهادة أن لا اله إلا الله وأني رسول الله ، فإن أطا عوا لذلك، فأ علمهم أن الله افترض عليهم خمس صلوات في كل يوم وليلة ، فإن هم أطا عوا لذلك ، فأ علمهم أن الله افترض عليهم صدقة تؤخذ من أغنيا ئهم فترد في فقرا ئهم )رواه البخاري މާނައަކީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މުޢާޛު ބުނު ޖަބަލު ޔަމަނު ކަރައަށް ފޮނުއްވަމުން ޙަދީޘް ކުރެއްވިއެވެ.ހަމަކަށަވަރުން ކަލޭގެފާނު މިފޮނުއްވަނީ ފޮތުގެ އަހުލުވެރިންގެ ބަޔެއްގެ ގާތަށެވެ. ފަހެ ކަލޭގެފާނު އެބައިމީހުންނަށް ﷲގެ އެއްކައުވަންތަކަމަށް ހެކިވުމަށް ( ޝަހާދަތް ކިޔުމަށް) ގޮވާލައްވާށެވެ. ދެން އެއަށްފަހު ތިމަންކަލޭގެފާނަކީ ﷲގެ ރަސޫލާކަމަށް އީމާންވުމަށް ގޮވާލައްވާށެވެ! އެކަންވެސް ޤަބޫލުކޮށްފިނަމަ ދެން އެބައިމީހުންނަށް ﷲ ކޮންމެ ދުވަހަކު ފަރުޟު ފަސްނަމާދު ފަރުޟު ކުރެއްވިކަން އުގަންނައި ދެއްވާށެވެ. އެބައިމީހުން އެކަންވެސް ޤަބޫލުކޮށްފިނަމަ ﷲ މުއްސަނދިންގެ މުދަލުން ފަޤީރުންނަށް ދޭންޖެހޭ ޒަކާތް ވާކަން އުގަންނައި ދެއްވާށެވެ!"

އާދެ! މިތާގައި މިވަނީ ދަޢުވަތު ފެށުމުގައި އަދި ކުރިޔަށް ދިއުމުގައި ގެންގުޅެންވީ ފިޔަވަޅުތަކެއް ބަޔާން ކުރައްވާފައެވެ. ފުރަތަމަ އަސާސުން ފަށަން އަންގަވާފައެވެ. އެއީ ޝަހާދަތެވެ. ދެން އެއަށްފަހު އެޔަށް އިޖާބަދީފިނަމަ ދެން ދެވަނަ ރުކުނަށް ދިއުމަށެވެ. އެއީ ނަމާދެވެ. އަދި އެޔަށް އިޖާބަ ދީފިނަމަ ތިންވަނަ ރުކުނެވެ. އެއީ ޒަކާތެވެ. ދެން މިއުޞޫލުން ކުރިޔަށް ދިއުމަށެވެ.

ކަންކަން މިއުޞޫލުން އޮތްނަމަވެސް ހުޅަނގުގެ ބައެއް ޤައުމުތަކުގައްޔާއި އިސްލާމީ ބައެއް ޤައުމުތަކުގައި އުޅޭ ބައެއް މުސްލިމު ޒުވާނުން އިންކާރު ކުރަމުންދަނީ އެބައިމީހުންގެ އަޚް މުސްލިމުން ހުދުޖުއްބާ ނުލައި ފަޓްލޫނުލާ އުޅޭތީއެވެ. ބިންމަތީގައި އިށީދެގެން ތިބެ ކައިބޮއި ހެދުމުގެ ބަދަލުގައި މޭޒުމަތީގައި ސުފުރާ ހަދައިގެން ކައިބޮއި އުޅޭތީއެވެ. ނުވަތަ ވަކި ކުލައަކުން ވަކި ބައްޓަމަކަށް ފަހާފައި ހުންނަ ސަލްވާރުފަދަ ހުދު ހެދުން ނުލާ ގަމީސްލާފައި ޓައީ އަޅައިގެން އުޅޭތީއެވެ. ޙަޤީޤަތުގައި މިބައިމީހުންނަށް މުހިންމީ މީސްތަކުންނަށް ތައުޙީދުގެ މަގަށް ގޮވާލުމެވެ. އަދި އާޚިރަތް ހަދާންކޮށްދިނުމެވެ. އަދި ދީނުގެ ރިވެތި އުޞޫލުތަކާއި އަގުތައް ދަސްކޮށްދިނުމެވެ.

4- ހަރުކަށިކަމާއި ގަދަބަދަވިކަން ދެއްކުން : ހައްދުފަހަނައަޅާ ދިއުމުގެ މަޡްހަރުތަކުގެ ތެރޭގައި މީސްތަކުންނާއި މުޢާމަލާތު ކުރުމުގައި ހަރުކަށިކަމާއި ގަދަ ބާރު ދެއްކުމާއި ތިމާގެ ވާހަކަ ދެއްކުމުގެ އުސްލޫބުގައިވެސް ހަރުކަށި ގޮތް އެކުލެވުމާއި ދީނަށް ދަޢުވަތު ދިނުމުގައިވެސް ﷲގެ އަމުރުފުޅާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅާއި ތަޢާރުޟުވާ ފަދަ ހަރުކަށި ގޮތްތަކެއް ގެންގުޅުން ހިމެނެއެވެ. ދީނަށް ގޮވާލުމުގައި ޢަމަލު ކުރަންވީ ގޮތް އަންގަވާ ދެއްވައި ﷲ ވަޙީ ކުރެއްވިއެވެ. أُدْعُ إِلَى سَبِيْلِ رَبِّكَ بِا لْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُمْ بِالَّتِيْ هِيَ أَحْسَنُ ( النحل 125) މާނައަކީ : "ކެތްތެރިކަމާއި އަދި ރީތި ވަޢުޡުން ކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި ކަލާނގެ މަގަށް (ދީނަށް) ކަލޭގެފާނު ގޮވާލައްވާށެވެ! އަދި ރީތިމަގުން އެބައިމީހުންނާއި ކަލޭގެފާނު ވާހަކަ ދައްކަވައި ހެކިދައްކަވައި އުޅުއްވާށެވެ! " އަދި ހަމަ އެފަދައިން ކީރިތި ޤުރްއާނުގައި އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ސިފަކުރައްވައި ކީރިތި ޤުރްއާނުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގައި ވެއެވެ. لَقَدْ جَاءَكُمْ رَسُوْلٌ مِنْ أَنْفُسِكُمْ عَزِيْزٌ عَلَيْهِ مَا عَنِتُّمْ حَرِيْصٌ عَلَيْكُمْ بِا لْمُؤْمِنِيْنَ رَءُوْفٌ رَّحِيْم (التوبة 128) މާނައަކީ "ހަމަކަށަވަރުން ހަމަ ތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކޫ ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް ދަތިވެއްޖެ ކަމެއް އެކަލޭގެފާނަށް ކީރިތިވެ ބޮޑުވެގެންވެއެވެ. ( އެކަލޭގެފާނީ ) ތިޔަބައިމީހުންނަށް ތެދުމަގު ލިބި ސަލާމަތްވުމުގެ މައްޗަށް ދަހިވެތިވެ ވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް އޯގާވެރި ރަޙްމުހުރި ބޭކަލެކެވެ." އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. فَبِمَا رَحْمَةٍ مِّنَ اللهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيْظَ الْقَلْبِ لاَنْفَضُّوْا مِنْ حَوْلِكَ ( آل عمران159) މާނައަކީ : އެބައިމީހުންނަށް ކަލޭގެފާނު އޯގާތެރިވެ ވަޑައިގަތީ މާތްﷲގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި ޚުލްޤުފުޅު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވިނަމަ ކަލޭގެފާނުގެ އަރިހުން އެބައިމީހުން ވަކިވެ ހިގައްޖައީހެވެ. " އާދެ! މިކަން ކަމުން އެގި ހާމަވެގެންދާ ކަންތައްތަކަކީ އިސްލާމްދީނަށް ދަޢުވަތު ދިނުމުގައި ޢިލްމުވެރިކަމާއި ޙިލްމުވެރިކަމާއި އޯގާތެރިކަމާއި ރަޙްމުހުރުން އެއީ ލާޒިމު ކަމެއްކަމުގައެވެ. އެހެންކަމަށްވާނަމަ ހަރުކަށިކަމަށް ގަދަ ބަދަވިކަން ދެއްކުމަށް އެއްވެސް ޖާގައެއް އެދާއިރާގައި ނެތްކަމެވެ. މިހެންވެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. (إِنَّ اللهَ رَفِيْقٌ يُحِبُّ الرِّفْقَ فِى الْأَمرِ كُلِّه )رواه البخاري މާނައަކީ : " ހަމަކަށަވަރުން ﷲ ތަޢާލާ ލޯބިވެ ވޮޑިގެންވަނީ ހުރިހާކަމެއްގައިވެސް އޯގާތެރިކަމާއި މަޑުމައިތިރިކަން އެކުލެވިފައި ވުމަށެވެ." އިހުގެ މުސްކުޅި ބަހެއްގެ މާނައިގައި ވެއެވެ." ހެއުކަންތަކަށް އަމުރުކުރާ މީހެއްނަމަ އޭނާގެ ޢަމަލުތައްވެސް އެފަދަ ހެއުކަންކަމުގެ މަތީގައި ހުންނަން ޖެހޭނެއެވެ." އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ الرِّْفْقَ لاَ يَكُوْنَ في شيئٍ إلازانه وَلاَ ينزع من شيئٍ إلا شانه ) رواه مسلم މާނައީ: " ކަމެއްގައި އޯގާތެރިކަން އެކުލެވިފައިވާނަމަ އެއީ އެކަމަކަށް ޒީނަތްތެރިކަން ފިޔަވައި އިތުރުކަމެއް ގެނެސްދޭ ކަމެއްނޫނެވެ. އަދި ކަމެއްގައި އޯގާތެރިކަން ނެތިގެން ހިގައްޖެނަމަ އެކަމެއްގެ ދަރަޖަ (ޝާން) ގެއްލިގެން ދެއެވެ." އެހެންވީމާ އިންސާނާގެ ވިސްނުމުގައި އޯގާތެރިކަން އެކުލެވި އެވިސްނުމުން ހިތައް އެކަން ގެންދިޔުމުގެ ސަބަބުން ޢަމަލުތަކުގައިވެސް އޯގާތެރިކަމާއި މަޑުމޮޅިކަމާއި ރަޙްމު އުފެދެން ލާޒިމެވެ.

އެހެންނަމަވެސް ހިތާމައާއެކު ދަންނަވަން ޖެހެނީ އިސްލާމީ ޙަރަކާތުގައި ބައިވެރިވާ ބައެއްޒުވާނުން މީސްތަކުންނާއި ވާހަކަދެއްކުމާއި މުޢާމަލާ ކުރުމުގައި ހަރުކަށި ގޮތްތައް ބޭނުންކުރާ ވާހަކައެވެ. މިކަމުގައި ބޮޑުމީހެއް ކުޑަކުއްޖެއް ވިޔަސް ތަފާތު ކުރުމެއް ނުގެންގުޅެއެވެ. އަދި ޚާއްޞަ ޙުރުމަތެއް ބަހައްޓަން ޖެހޭ ފަރާތެއް ކަމުގައި ވިޔަސްއެވެ. މިސާލަކަށް މައިން ބަފައިން އަދި ތިމާ މާތްކޮށް ހިތައި ޤަދަރު ކުރަންޖެހޭ ފަރާތެއް ކަމުގައި ވިޔަސްނުވަތަ ނުވިޔަސްއެވެ. މިސާލަކަށް ޢިލްމުވެރިންނާއި ފަޤީހުންނާއި މުދައްރިސުންނާއި މުރައްބީންނާއި އެނޫންފަރާތްތަކާ ދެމެދުގައެވ. ނުވަތަ ޢުޛުރުވެރިންނާއި ޢުޛުރުވެރިން ނޫން މީހުންނާއި މުޢާމަލާ ކުރުމުގައެވެ.އަދި ޤަޞްދުގައި އިސްލާމްދީނަށް ނަފްރަތު ކުރާމީހުންނާއި އެނޫން މީހުންނާއި މެދުގައެވެ.
5- މީސްތަކުންނާއި މެދުގައި ކުށްހީކުރުން : ހައްދުފަހަނައަޅާ ދިއުމުގެ މަޘްހަރުތަކުގެ ތެރެއިން ތިމާނޫން އެހެންމީހުންނާ މެދުގައި ކުށް ހީކުރުން ފާހަގަ ކުރަމެވެ. ހަރުކަށިވުމުގެ އަޞްލަކީ ތުހުމަތުވުމެވެ. އަދި ތުހުމަތުވުމުގެ އަޞްލަކީ ޝަރީޢަތާއި ޚިލާފަށް ކުށްވެރިވެ ފާފަވެރިވުމެވެ. އިސްލާމީ ޝަރީޢަތުގެ އުޞޫލަކީ " ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ޝަރީޢަތުން ކުށެއް ސާބިތު ނުވާނަމަ އޭނާއަކީ ކުށްތަކުން ބަރީއަ ވެފައިވާ މީހެކެވެ."
އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެންނަނީ ދީނީ ކަންކަމުގައި ހަރުކަށި ފަރާތްތަކުން މީސްތަކުންނާއި މެދުގައި ކުށް ހީކޮށް ތުހުމަތުކޮށް ހެދުމާއިއެކު އެފަދަ ކަންކަމުގައި އެބައިމީހުން ދައްކާ ޢުޛުރު ޤަބޫލު ނުކުރުމެވެ. އަދި އޭގެ އިތުރަށް ޢައިބުތައް ފަތުރައި ކުށެއް ކުރެވޭ މީހާގެ އެކުށަކީ ފާފައަކަށް ހަދައި އެފާފައަކީ ކާފަރުވުން ކަމަށް ކަނޑައެޅުމެވެ. އަދި ކަމެއްގައި ދެގޮތަކުން ކުރެ ގޮތެއް ޚިޔާރު ކުރުމުގެ ފުރުޞަތު ﷲ އިންސާނާއަށް ދެއްވާފައި ވާނަމަ އަބަދުވެސް ހެއުކަމުގެ މައްޗަށް ނުބައިކަން އިސްކުރެއެވެ. އެހެންކަމުން މިފަދަ ކަމަކާ ޚިލާފުވެއްޖެނަމަ އެހީމަކީ ދީނުގައި އުރެދިފައިވާ މީހެއް ކަމުގައި ބަލައެވެ. އަދި ފަހަރެއްގައި ސުންނަތަކާއި ޚިލާފުވެއްޖެނަމަ މިސާލަކަށް އަސާގެންގުޅުން ނުވަތަ ބިމުގައި އިށީދެގެން އިދެ ކެއުން ފަދަ ކަމެއް ނުކޮށް ދޫކޮށްލައިފިނަމަ އެފަދަ ފަރާތަކާމެދު މިފަދަ މީހުން ދެކެނީ އެމީހަކީ ސުންނަތަށް އިޙްތިރާމު ނުކުރާ މީހެއް ކަމުގައެވެ. ނުވަތަ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ލޯބިނުކުރާ މީހެއް ކަމުގައި ކަމުގައެވެ. އަދި މިކުށް ހީކުރުން މިދަރަޖައަކުން ނިންމައެއް ނުލާނެއެވެ. އެގޮތުން ޚާއްޞަ އަދި އެއަށްވުރެ ޚާއްޞަ ކަންތަކަށް ބަލައެވެ. މިސާލަކަށް ފިޤުހު ޢިލްމުވެރިއަކު ( ފަޤީހަކު) ގެ ފަތުވާއަކީ ﷲގެ ޚަލްޤުތަކުންނަށް ކަމެއްގައި ދެއްވާފައިވާ ލުއިފަސޭހަކަމާއި އެމީހުންގެ އުދަގުލުން ސަލާމަތް ކުރެއްވުމަށް ﷲ އިރާދަ ކުރައްވާ މިންވަރު ކުރައްވާފައިވާ ލުއިފަސޭހަ ގޮތް އެތަނެއްގެ ބަޔަކަށް އަންގައި ދީފިނަމަ އެފަދަ ބަޔު މިބަޔަކާމެދު ދެކޭނީ އެމީހަކީ ދީނަށް ފަރުވާކުޑަ ކުރާ މީހެއް ކަމުގައެވެ. އެންމެ ފަހުން މިތުހުމަތު މިޙައްދުންވެސް ހުއްޓާނުލެވިގެން މަރުވެފައިވާ މައްޔިތުންނަށް އެބަ މިފަދަ ތުހުމަތު އަޅުވައެވެ. މިދެންނެވި މީހުންނަކީ އެބައިމީހުންގެ އަމިއްލަ ނަފްސުގެ ދިފާޢުގައި އެއްޗެއް ނުކިޔޭނެތީއެވެ. މިސާލަކަށް މަޒްހަބުތަކުގެ އިމާމުން މިފަދަ މީހުންނަކީ އުއްމަތުގެ މީހުންގެ ގާތުގައި މާތްކަމާއި މަތިވެރިކަމުގެ ދަރަޖަ ލިބިފައިވާ ބަޔަކަށްވީއިރު މިފަދަ ކުށްހީކުރާ މީހުންގެ ނުބައި ހީތަކުން ސަލާމަތެއް ނުވެއެވެ.

މުސްލިމުން ކާފަރުކުރާ މިބައިމީހުންނަކީ އެބައިމީހުންގެ ނަފްސު ޠާހިރުކަން ބަޔާންކުރާ ފަރާތެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ( فَلاَ تُزَكُّوْا أَنْفُسَكُمْ هُوَ أَعْلَمُ بِمَنِ اتَّقَى ) ( النجم-32) މާނައަކީ : "ފަހެ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް މަދަހަ ނުކިޔާށެވެ! ތަޤްވާވެރިވާ މީހުން ﷲ ދެނެވޮޑިގެން ވެއެވެ." އެބައިމީހުންގެ ހިތުތެރޭގައި އަށަގެންފައިވާ މީސްތަކުންނާމެދު ނުބައިކޮށް ހީކުރުމަށް ބަލާއިރު އެއީ ބޮޑު މުޞީބާތެކެވެ. ސަބަބަކީ އެފަދަ ކަންކަމާމެދު ކީރިތި ޤުރްއާނަށާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް އެބުރި ރުޖޫޢަވެއްޖެނަމަ ފެނިގެންދަނީ މުސްލިމުންގެ ހިތްތަކުގައި އެހެނިހެން މުސްލިމުންނާމެދު އޮންނަން ޖެހޭނީ ރަގަޅު ހީކުރުމެއް ކަމުގައެވެ. އެފަދަ ޙާލަތުގައި ޢައިބެއް ފެނިއްޖެނަމަ އެ ޢައިބު ފޮރުވުމެވެ. އެއީ ދުނިޔެއާއި އާޚިރަތުގައި އެކަމެއް ﷲ ތަޢާލާ ސިއްރު ކުރައްވައި ދެއްވުމަށެވެ. އަދި މީހެއްގެ ފަރާތުން ހެއު ކަމެއް ފެނިއްޖެ ނަމަ އެކަމެއްފާޅުކޮށް ފެތުރުމަށެވެ. ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ. (يَايُّهَا الَّذِيْنَ ءَِا مَنُو اجْتَنِبُوْا كَثِيْرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ) (الحجرات 12) މާނައަކީ: " އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަ ހީތަކާއި ދުރުވެގަންނާށެވެ! ހަމަކަށަވަރުން ބައެއްހީއަކީ ފާފައެކެވެ." ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. (إِيَّاكُمْ وَالظَّنِّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيْث )رواه البخاري މާނައަކީ: " ތިޔަބައިމީހުން ހީތަކާ ދުރުހެލިވާށެވެ! ފަހެ ހަމަކަށަވަރުން ހީއަކީ ވާހަކަތަކުގެ ތެރެއިން އެންމެ ދޮގުވާހަކައެވެ." މިކަންކަމުގެ އަޞްލަކީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. ތިމާ އަނެކާއަށްވުރެ މޮޅުކަން ހާމަކުރުމެވެ.

އަޅުގަނޑުމެންނަށް މިކަމުގެ ނުރައްކާ އަންގައިދެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙަ ޙަދީޘުންނެވެ. (إِذا قَالَ الرَّجْل:هَلَكَ النَّاس، فهُوَ أهلكهم) رواه مسلم މާނައަކީ: " މީހަކު މީސްތަކުން ހަލާކުވެއްޖެ ކަމަށް ބުނެފިނަމަ ފަހެ އެބައިމީހުންކުރެ އެންމެ ބޮޑަށް ހަލާކުވެފައިވަނީ އޭނާއެވެ." މިފަދަ ހަރުކަށި މީހުންނަށް މީސްތަކުންގެ ކިބައިން ކުށެއްނޫނީ ނުފެނެއެވެ. މީހަކާ ބެހޭގޮތުން ސުވާލުކޮށްފިނަމަ އޭނާ އަބަދުވެސް ޖަވާބުދީ އުޅެނީ އެމީހެއްގެ ހުރި ނުބައިކަމުގެ ވާހަކައިންނެވެ. އޭނާ ކޮށްފައިވާ ހެއުކަންތައްތަކުގެ ވާހަކަ ދެއްކުމުން އެއްކިބާވެއެވެ. ނޫންނަމަ ބައެއް ފަހަރަށް އެކަން ރަގަޅުވެއްޖެނަމަ އޭނާ ކޮށްފައިވާ ރަގަޅުކަންކަމުގެ ތެރެއިން މަދުމިންވަރެއް ބަޔާން ކުރެއެވެ. މިއީ ޢަދުލުވެރި ބެލުމެއްނޫނެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ. (يَأَيُّهَا الَّذِيْنَ ءَامَنُوْا كُوْنُوْا قَوَّامِيْنَ بِالْقِسْطِ شُهَدَاءَ لِلَّهِ وَلَوْ عَلَى أَنْفُسِكُمْ أَوِالْوَا لِدَيْنِ وَالْأَقْرَبِيْنَ إنْ يَكُنْ غَنِيًّا أَوْ فَقِيْرًا فَاللّهُ أَوْلَى بِهِمَا فَلاَ تَتَّبِعُوا الْهَوَى أَنْ تَعْدِلُوْا وَإِنْ تَلْوُاأَوْ تُعْرِضُوْا فَإِنَّ اللَّهَ كَانَ بِمَا تَعْمَلوْنَ خَبِيْرًا) ( النساء 135) މާނައަކީ : " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނީ ޢަދުލު ޤާއިމުކޮށް އެކަމުގައި ދެމިތިބޭ އަދި މާތްﷲއަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ވާށެވެ! ގާތްތިމާގެ މީހުން ނުވަތަ މައިންބަފައިން ނުވަތަ ތިމާމެންގެ އަމިއްލަނަފްސުތަކުގެ މައްޗަށް ވެހެވެ. އެމީހަކީ (އެމީހަކަށްޓަކައި ހެކިބަސް އަދާކުރެވޭ މީހަކީ ) މުއްސަންޖަކު ކަމުގައި ނުވަތަ ފަޤީރަކު ކަމުގައި ވިޔަސް ފަހެ ، ފަހެ މާތްﷲ އެދެމީހުންނަށް އައުލާކަން (ގާތްކަން) ބޮޑެވެ. ފަހެ ތިޔަބައިމީހުން ޢަދުލުވެރި ވުމުގައި އަމިއްލަ އެދުމަށް ތަބާނުވާށެވެ. އަދި ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަޔަސް ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވެ ހުރަހެޅިގަތަސް ދަންނާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ޢަމަލުކުރާގޮތުގެ ޚަބަރު ދެނެވޮޑިގެންވާ ކަލަކު ކަމުގައި މާތްﷲ ވެއެވެ."

އާދެ! އެހެންކަމުން މުސްލިމުންގެ މައްޗަށް ވާޖިބުވެފައިވަނީ އެބައިމީހުންނަކީ ޢަދުލުވެރި އިންޞާފުވެރި މީސްތަކުން ޝަރުޢީ މެދުމިނުގެ ހަމައިގެ މަތިން ވަޒަންކުރުމަށެވެ. މީހަކު އޭނާގެ ނުބައިކަމުގެ މައްޗަށް ހެއުކަންތައް ގިނަކޮށް އޭނާގެ މީޒާން އެގޮތަށް ބަރުކޮށްފިނަމަ އެއީ ޞާލިޙް މީހެކެވެ. އެއްވެސް ޙާލެއްގައި ތިމާގެ އަޚްމުސްލިމު ނިކަމެތި ކުރުމެއް ނުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. ( قال رسول الله صلى الله عليه وسلم بِحَسبِ امرئ منَ الشَّر أن يحْقر أخاه المسلم ) رواه مسلم މާނައަކީ:" އިންސާނާ ކުރާ ނުބައިކަންކަމުގެ ތެރޭގައި އޭނާގެ މުސްލިމު އަޚާ ނިކަމެތިކޮށްލުން ހިމެނެއެވެ." ޟަމްޟަމް ބުނު ޖައްވުލްޔަމާނީގެ އަރިހުން އިމާމު އަޙްމަދު ރިވާކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ. " ތިމަންގެ އަރިހުގައި އަބޫހުރައިރާ ވިދާޅުވިއެވެ. އޭ ޔަމާނީއެވެ. މީހަކާ ދިމާއަށް ﷲ ކަލޭގެ ފާފަ ނުފުއްސަވާނެއޭ ނުބުނާ ހުށިކަމެވެ. ނުވަތަ ކަލޭ އެއްގޮތަކަށްވެސް ސުވަރުގެ ނުވަންނަ ހުއްޓެވެ. މިހެން ނުބުނާހުށިކަމެވެ. ތިމަން ދެންނެވީމެވެ. އޭ އަބޫހުރައިރާއެވެ. ތިޔަކަލިމައަކީ އަހަރެމެންގެ މީހަކު އޭނާގެ އަޚާ ނުވަތަ އެކުވެރިޔާ ދެކެ ނުރުހުންވުމުން ބުނާ ބަހެކެވެ. އޭނާ ވިދާޅުވިއެވެ. އެހެން ނުބުނާށެވެ. ފަހެ ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މިފަދައިން ޙަދީޘް ކުރެއްވި އަޑުއެހީމެވެ. " ބަނީއިސްރާއީލުންގެ ތެރޭގައި އުޅުނު ދެމީހަކުގެ ތެރެއިން އެކަކީ އަޅުކަން ކުރުމުގައި ގަދައަޅާ ހީވާގިވެގެން އުޅޭ މީހެކެވެ. އަނެކަކީ އަމިއްލަނަފްސަށް ކަންކަމުގައި އިސްރާފުކޮށްގެން އުޅުނު މީހެކެވެ. މިދެމީހުންނަކީ ދެއަޚުންނެވެ. މީގެ ތެރެއިން އަޅުކަމުގައި ހީވާގިވެގެން އުޅޭ މީހާ ދުށްގޮތުގައި އޭނާގެ އަޚާ އެވަނީ ފާފަވެރިވެފައެވެ. މިހެންވެ އޭނާއަށް އެއަޚާ ފެނިއްޖެނަމަ ނަޞޭޙަތްދީ ހަދާކަމުގައިވިއެވެ. އޭނާ އެޙާލަތުގައި ބުނެއެވެ. ތިމަންނާއާއި ހެއްދެވިފަރާތާ ދެމެދަށް ނުވަންނާށެވެ! ކަލޭ ދުނިޔެއަށް ފޮނުއްވާފައި ތިޔަވަނީ އަހަރެންގެ ޢަމަލުތަކަށް ފާރަވެރިވާ ފަރާތެއްގެ ގޮތުގައި ހެއްޔެވެ؟ ދެން މިކަމާ ރުޅިއައިސްގެން އަޅުކަމުގައި ހީވާގިވެގެން އުޅޭ މީހާ ބުންޏެވެ. ﷲ ކަލެއަށް ފާފައެއް ނުފުއްސަވާނެއެވެ. ކަލޭ އެއްގޮތަކަށްވެސް ސުވަރުގެ ނުވަންނާނެއެވެ. ފަހެ ﷲ ތަޢާލާ މިދެމީހުންގެ ގާތަށް މަރުގެ މަލާއިކަތާ ފޮނުއްވައި މަރުހިއްޕެވިއެވެ.އަދި ދުނިޔެމަތީ ފާފަކޮށް އުޅުނު މީހާއަށް ސުވަރުގެ ވަނުމަށްއަންގެވިއެވެ. އަދި އަޅުކަމުގައި ހީވާގިވެގެން އުޅުނު މީހާއަށް އެންގެވީ ތިމަން ﷲއަށް ޚާއްޞަކަންކަން ކަލެއަށް އެނގިހުރެ ކަންކުރިގޮތަށްޓަކައި ނަރަކައަށް ވަންނާށެވެ! " މިއީ ބާޠިލު އިޢުތިޤާދެކެވެ. ﷲގެރަޙްމަތް ތަނަވަސްވެގެންވެއެވެ
." )

ޤުރުއާނުގައިވާ ތެދު ސައިންޓިފިކްމައުލޫމާތު.

ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
އިސްލާމް ދީނުގެ ޢަދުއްވުން ދަނީ އަބަދުވެސް ޤުރުއާނުން ކުށެއް ފެނޭތޯ ރެޔާއި ދުވާލު މަސައްކަތްކުރަމުންނެވެ. ހަމައެހެންމެ ޤުރުއާނުން މިޒަމާނުގެ ސައިންސާއި ފުށުއަރާ ކަމެއްވެސް ފެނޭތޯ އެމީހުން ދަނީ ބަލަމުންނެވެ. މިގޮތުން ބައެއް މީސްމީހުންވަނީ ޤުރުއާނުގެ ބައެއް އާޔަތްތަކަކީ ސައިންސާއި ފުށުއަރާ ކަންކަން ކަމަށް ދަޢުވާވެސް ކޮށްފައެވެ. ނަމަވެސް މުސްލިމުން، އެ ފަދަ އާޔަތްތަކުގެ މާނައާއި ތަފްސީރަށް ބަލައި ދިރާސާކޮށް ނިމޭ އިރު އަބަދުވެސް ކާފަރުންތައް އޮންނަނީ ނުހަނު ފާޅުކަންބޮޑު ގޮތެއްގައި ފަޟީޙަތްވެފައެވެ. މި ފަދަ ބައެއް އާޔަތްތަކާއި، އެ ފަދަ އާޔަތްތަކަށް މުސްލިމު ޢިލްމުވެރީން ދެއްވާފައި ހުންނަ ވަރުގަދަ ރައްދުތައް، މުޅި ދުނިޔެއަށް މަޝްހޫރު ދާޢީ- ޑރ ޒާކިރް ނައިކްގެ "ޤުރްއާން އެންޑް މޯޑާން ސައިންސް- ކޮންފްލިކްޓް އޯ ކޮންސިލިއޭޝަން" ބެއްލެވުމުން ފެނިގެންދާނެއެވެ.

ކޮންމެއަކަސް ތިރީގައި މި އަލިއަޅުވާލަނީ ފަހުގެ ސައިންސްވެރީން، ކީރިތި ޤުރުއާނާއި މެދު ފާޅުކޮށްފައިވާ ބައެއް ޚިޔާލުތަކަށެވެ.



ޕްރޮފެސަރ ކެއިތް އެލް. މޫރް [Keith L. Moore]

މިއީ ޔުނިވާސިޓީ އޮފް ޓޮރޮންޓޯގެ ޑިޕާޓްމެންޓް އޮފް އެނެޓޮމީ އެންޑް ސެލް ބައޮލޮޖީގެ ޕްރޮފެސާއެކެވެ. މީނާއަކީ ބޭސްވެރިކަމާއި ބެހޭ ޢިލްމީ އެތަކެއް ފޮތްތަކެއްގެ މަޝްހޫރު މުޞައްނިފެވެ. މި ގޮތުން މީނާގެ "ކްލިނިކަލީ އޮރިއެންޓެޑް އެނެޓޮމީ" (ތިންވަނަ އެޑިޝަން) އާއި، ޕްރޮފެސާ ޓީ.ވީ.އެން ޕާސައުޑް އާއި އެކު ލިޔުނު "ދަ ޑިވެލޮޕިން ހިއުމަން" ފަސްވަނަ އެޑިޝަން ފާހަގަކޮށްލެވެއެވެ. މި ޕްރޮފެސަރު ކީރިތި ޤުރުއާނާއި ބެހޭގޮތުން ބުނެފައިވެއެވެ.

"ފާއިތުވެ ދިޔަ ތިން އަހަރު އަހަރެން ވާނީ ސުޢޫދީ ޢަރަބިއްޔާ، ޖިއްދާގެ ކިންގް އަބްދުލް ޢަޒީޒް ޔުނިވާސިޓީގެ އެންބްރިއޮލޮޖީ ކޮމިޓީގައި މަސައްކަތްކޮށްފައެވެ. އަދި އަހަރެންވާނީ ޤުރުއާނާއި ސުންނަތުގައިވާ އެންބްރިއޮލޮޖީއާއި ބެހޭ އާޔަތްތައް ތަފްސީރު ކުރުމުގައި އެހީތެރިވެދީފައެވެ. ޤުރުއާނުގައިވާ އެ ފަދަ އާޔަތްތައް ފެނިފައި އަހަރެން ހަމަ ހައިރާންވިއެވެ. ސަބަބަކީ ޤުރުއާނުގައި އެފަދަ އާޔަތްތައް ރިކޯޑް ކުރެވިފައިވަނީ އެންބްރިއޮލޮޖިކަލް ސައިންސްއާއި ބެހޭ އެއްވެސް އެއްޗެއް ހޯދިފައި ނެތް ދުވަސްވަރެއްގައި ކަމަށް ވުމެވެ. އެއީ ގާތްގަނޑަކަށް މީލާދީ ގޮތުން 7 ވަނަ ޤަރުނެވެ. އަހަރެންނަށް ކޮންމެވެސް ވަރަކަށް 10 ވަނަ ޤަރުނުގައި މުސްލިމް ސައިންޓިސްޓުންގެ އަގުހުރި ޚިދުމަތްތަކާއި ބެހޭ ޚަބަރު ލިބިފައިވިނަމަވެސް، ޤުރުއާނާއި ސުންނަތުގައިވާ މައުލޫމާތުގެ އެއްވެސް މިންވަރެއް އެނގިފައެއް ނެތެވެ."

ކައިރޯގައި އޮތް ކޮންފަރެންސެއްގައި، މި ޕްރޮފެސަރުގެ ދިރާސާއެއް ހާމަކޮށްފައި ބުންޏެވެ.

"ޤުރުއާނުގައިވާ އެންބްރިއޮލޮޖީގެ އާޔަތްތައް ތަފްސީރުކޮށް ދިނުމަށް އެހީތެރިވެ ދިނުމަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ޤުރުއާނުގައިވާ މިފަދަ އާޔަތްތައް މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އާއި ހަމައަށް އައިސްފައިވަނީ ﷲ ގެ ފަރާތުން ކަމަށް އަހަރެންނަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެނގިއްޖެއެވެ. ސަބަބަކީ ޤުރުއާނުގައިވާ މި މައުލޫމާތުތައް ސައިންސްވެރީނަށް ހޯދިފައިވަނީ ޤުރުއާން ބާވާލެއްވެވުމުގެ އެތައް ޤަރުނެއް ފަހުން ކަމަށް ވުމެވެ. އެހެންކަމުން މިކަން ދަލީލުކޮށްދެނީ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަކީ ﷲގެ ފަރާތުން ފޮނުވުނު ރަސޫލެއްކަމެވެ."



އީ. މާޝަލް ޖޯންސަން [E. Marshall Johnson]

މި ޕްރޮފެސާއަކީ ޑިޕާޓްމެންޓް އޮފް އެނެޓޮމީ އެންޑް ޑިވެލެޕްމެންޓަލް ބައޮލޮޖީގެ ޗެއާމަނެވެ. އަދި އެމެރިކާގެ ތޯމަސް ޖެފާސަން ޔުނިވާސިޓީގެ ޑެނިއަލް ބާ އިންސްޓިޓިއުޓްގެ ޑައިރެކްޓަރުވެސްމެއެވެ. މީނާ ވަނީ 200 އަށް ވުރެ ގިނަ ފޮތް ލިޔެފައެވެ. މީނާ ކީރިތި ޤުރުއާނާއި ބެހޭގޮތުން ބުނެފައިވެއެވެ.

" ކީރިތި ޤުރުއާނުގައި، ހަމައެކަނިވަނީ ރަޙިމުގައި ކުއްޖާ ހެދި ބޮޑުވަމުން ދާއިރު ބޭރުފުށުގެ ސިފަކުރުންތައް އެކަންޏެއް ނޫނެވެ. ކުއްޖާގެ އެތެރޭގެ ހެދި ބޮޑުވުމުގެ މަރުހަލާތަކަށް ދާންދެން ކިޔައިދީފައިވެއެވެ. މި ސިފަކުރުންތައްވަނީ އަދުގެ ސައިންސުން ސާބިތުވެފައެވެ."

"ސައިންސްވެރިއެއްގެ ހައިސިއްޔަތުން އަހަރެންނަށް ހަމައެކަނި އެއްޗެއް ބުނަން އެނގޭނީ ސާފުކޮށް ފެންނަން ހުރި ކަންތައްތަކާއި މެދުގައެވެ. އަހަރެންނަށް އެންބްރިއޮލޮޖީއާއި ޑިވެލޮޕްމެންޓަލް ބައޮލޮޖީ އެނގެއެވެ. ހަމައެހެންމެ އަހަރެންނަށް އެނގޭނީ ކީރިތި ޤުރުއާނުން ތަރުޖަމާ ކުރެވޭ ލަފުޒުތަކެވެ. ކުރިންވެސް އަހަރެން ދިން މިސާލުގައިވާ ގޮތަށް، މިއަދު އަހަރެންނަށް މި އެނގޭ އެއްޗެއްސާއި ކަންކަމާއިގެން ޤުރުއާން ބާވާލެއްވުނު ޒަމާނަށް ގޮސްގެން، އަހަރެންނަކަށް ޤުރުއާނުގައި ސިފަކުރައްވާފައި އެވާ ކަންތައްތަކެއް ސިފައެއް ނުކުރެވޭނެއެވެ....

މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) މި މައުލޫމާތުތައް ލިބިވަޑައިގަތީ ކޮންމެވެސް ފަރާތަކުންނޭ ބުނާ ވާހަކައަށް ރައްދު ދޭނެ އެއްވެސް ދަލީލެއް އަހަރެންނަކަށް ނުފެނެއެވެ. އެހެންކަމުން އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) މި ވާހަކަތައް ލިޔުއްވުމުގައި ވަޙީ ލިބިވަޑައިގަތްކަމާ މެދު ދެކޮޅު ހެދޭނެ އެއްވެސް ޖާގައެއް ނެތެވެ."



ޓީ.ވީ.އެން. ޕާސައުޑް[T. V. N Persaud]

މިއީ އެނެޓޮމީގެ ޕްރޮފެސާއެކެވެ. އަދި ހަމައެހެންމެ މިއީ ކެނެޑާގެ ޔުނިވާސިޓީ އޮފް މެނިޓޮބާގެ ޕޭޑިއަޓްރިކްސް އެންޑް ޗައިލްޑް ހެލްތް ގެ ޕްރޮފެސާއެއް ވެސް މެއެވެ. މީނާ ވެސް ޕްރޮފެސަރ ކެއިތް އެލް. މޫރް އާއި އެކު "ދަ ޑިވެލޮޕިން ހިއުމަން" ގެ ފަސްވަނަ އެޑިޝަން ލިޔުމުގައި ބައިވެރިވިއެވެ. ކީރިތި ޤުރުއާނާއި ބެހޭގޮތުން މީނާ ބުންޏެވެ.

"ބެލެވޭ ގޮތުގައި މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަކީ، ލިޔަން ކިޔަން ދެނެވަޑައި ނުގަންނަވާ ވަރަށް އާދައިގެ ބޭކަލެކެވެ. އަހަރެމެން މި ދައްކަނީ މި ފަދަ ބޭކަލަކު މީގެ 14 ޤަރުނު ކުރީން ބަޔާންކޮށްފައިވާ، ޒަމާނީ ސައިންސްގެ ގޮތުން ބަލާއިރު ވެސް އެއްވެސް ކަހަލަ ކުށެއް ނުފެންނަ ފަދަ ޖުމްލަތަކެއްގެ ވާހަކައެވެ.

އަހަރެންނަށް މިއީ ހަމަ އިއްތިފާގަކުން ބުނެވިފައިވާ ވާހަކަތަކެއް ކަމަކަށް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. ސަބަބަކީ މި ހުރިހާ މައުލޫމާތެއް ހަމަ އެންމެ ކުށަކާ ނުލައި ރަނގަޅަށް ބަޔާންކޮށްފައިވުމެވެ. އެހެންކަމުން ޑރ މޫރް ފަދައިން މި ފަދަ ބަސްތަކެއް އައިސްފައިވަނީ ވަޙީގެ ޒަރީއާއިންނޭ ބުނާކަށް އަހަރެންނަކަށް އުނދަގުލެއް ނޫނެވެ."



ޕްރޮފެސާ ތެޖަތަތް ތެޖެސެން (Tejatat Tejesan)

މިއީ ތައިލެންޑްގެ ޔުނިވާސިޓީ އޮފް ޗިއާންގ މައިގެ ޑިޕާޓްމެންޓް އޮފް އެނެޓޮމީގެ ޗެއާމަނެވެ. އަދި ކުރީގެ ފެކަލްޓީ އޮފް މެޑިސިންގެ ޑީން އެވެ.

ޕްރޮފެސާ ތެޖެސަން ޤުރުއާނާއި އެންބްރިއޮލޮޖީއާއި ބެހޭ އެތަކެއް ލިޔުމެއް ކިޔެވެ. މީނާ ހަތަރު ދުވަސްވަންދެން މުސްލިމް އަދި ކާފަރު އެތަކެއް ޢިލްމުވެރީންނާއި އެކު ކީރިތި ޤުރުއާނާއި ޙަދީޘްތަކުގައިވާ ބައެއް ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމުގައި ހޭދަ ކުރިއެވެ. ސުޢޫދީ ޢަރަބިއްޔާގެ ރީޔާޟްގައި ބޭއްވުނު 8 ވަނަ ސައުދީ މެޑިކަލް ކޮންފަރެންސްގައި މީނާ ކޮޅަށް ތެދުވެފައި ބުންޏެވެ.

"ފާއިތުވެ ދިޔަ ތިން އަހަރު ތެރޭގައި ކީރިތި ޤުރުއާނާއި މެދު އަހަރެންގެ ޝަޢުޤުވެރިކަން ބޮޑުވިއެވެ. އަހަރެންގެ ދިރާސާތަކުންނާއި މި ކޮންފަރެންސްގެ ތެރެއިން ދަސްވި ކަންތައްތަކަށް ބަލާއިރު، މީގެ 1400 އަހަރު ކުރީން ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައި އެވާ ހުރިހާ ވާހަކަތަކަކީ އަދުގެ ސައިންސް ޤަބޫލުކުރާ ޙައްޤު ތެދުކަމަށް އެއްބަސްވަމެވެ.

މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަކީ ލިޔަން ކިޔަން ދެނެވަޑައިގަންނަވާ ބޭކަލަކަށް ނުވުމާއި އެކު، އެކަލޭގެފާނު ވާނީ ޚާލިޤުވަންތަ އިލާހުގެ ފަރާތުން ވަޙީ ލިބިވަޑައިގަންނަވާ ރަސޫލަކަށެވެ. އެ އިލާހަކަށް ވާނީ ﷲ އެވެ.

އެހެންކަމުން އަހަރެން ދެކެނީ މިއީ لا إله إلاَّ الله، ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަމަށާއި محمد رسول الله، މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަކީ ﷲގެ ރަސޫލާކަމަށް ބުނަންވީ ވަޤުތުކަމަށެވެ.

މި ކޮންފަރެންސްގެ ސަބަބުން އަހަރެންނަށް ލިބުނު އެންމެ އަގު ބޮޑު އެއްޗަކީ لا إله إلاَّ الله އެވެ. މުސްލިމަކަށް ވެވުމެވެ."

ދެކޭށެވެ. ސައިންސްވެރީންތައް އިސްލާމްވަނީއެވެ. މި ނޫންވެސް ހެޔޮ ބުއްދި ހުރި މީހެއް ވިއްޔާ އިސްލާމްދީން ޤަބޫލުކުރަމުން އެ ގެންދަނީއެވެ. ވީ އިރު ކީއްހެއްޔެވެ؟ އަދިވެސް އަހަރެމެން ތިބެންވީ މި ޙައްޤު ދީނަށް ޢަމަލު ނުކޮށްހެއްޔެވެ؟ އަދިވެސް އަހަރެމެންވީ ﷲ ޙަޟްރަތުން އަހަރެމެންނަށް ލިބިފައި މިވާ އަގު ބޮޑު ނިޢުމަތަށް ފުރަގަސްދީ، އެކަލާނގެ ކޯފާވެ ވޮޑިގަތުން ލިބޭނެ ކަންކަން ކުރަން ހެއްޔެވެ؟ ފަހެ އަހަރެމެންގެ މި މާތް ދީނަށްޓަކައި ފަޚުރުވެރިވާކަށް ނުވޭ ހެއްޔެވެ؟ އަހަރެމެންގެ މި ދީނަށް ރުޖޫޢަވާކަށް ނުވޭ ހެއްޔެވެ؟ ދީނުގެ ކަންކަން ދަސްކޮށް ޢަމަލުކުރަން ފެށުމުގެ ވަގުތު އަދިވެސް ނުޖެހެނީ ހެއްޔެވެ؟