އައިމިނަތު މިނީޝާ މާޗް 16 2008، 15:31 0 ޚިޔާލު
ދަރިން ކިޔަވަންދަނީ ސްކޫލަށް ކަމަށްވިޔަސް އެކުދިންގެ ކިޔެވުމުގެ ވަރަށް މުހިއްމު ދައުރެއް ގޭގައިވެސް ކުޅެންޖެހެއެވެ. އެގޮތުން ދަރިފުޅުގޭގައި ކިޔެވުމަށް އެކިގޮތްގޮތުން އެހީތެރިކަން ދިނުމަކީ މަންމައިން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެވްރެޖްކޮށް އެންމެ ގިނަކުދިންނަށް ރަގަޅުކަމަށް ފާހަގަ ކުރެވިފައިވާ ކިޔެވުމުގެ ރަގަޅުގޮތްތައް ކަމަށް މާހިރުން ދެކިލައްވާ ގޮތްތައް ތިރީގައި އެވަނީއެވެ. މިގޮތްތައް ދަރިފުޅަށް ދަސްކޮށްދޭށެވެ. ނަމަވެސް ހަނދާންކުރަންޖެހޭ އެއް ކަމަކީ ކޮންމެ ކުއްޖަކީ ވެސް ތަފާތުކުއްޖެއްކަމާއި ކިޔެވުމުގައި ގެންގުޅޭ އުސޫލުތައްވެސް ތަފާތުވާނެކަމެވެ.
ކިޔެވުމަށް ރަގަޅުމާހައުލެއް ގާއިމް ކުރުމަކީ އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމެވެ. ހަމައެކަނި ކިޔެވުމަށް ބޭނުންވާ ތަކެތި މޭޒުގައި ބަހައްޓާށެވެ. މޭޒުމަތީގައި ބައްތި، ޑިކްޝަނަރީ، ކަރުދާސް، ގަލަން ފަންސުރު، އަދި ކަލްކިއުލޭޓަރ އެއް އޮތުމުން ފުދޭނެއެވެ. އިތު އެއްޗެއް ކޮންމެހެން ބޭނުންވުމުން ގެންނާނީއެވެ. ކިޔަވާ މޭޒު ހުންނަންޖެހޭނީ އަޑުތަކާއި ތަފާތު ހަރަކާތްތަކާއި ދުރުގައެވެ. އެންމެ ރަގަޅީ ދަރިފުޅުގެ ނިދާ ކޮޓަރީގައި މިމޭޒު ބެހެއްޓުމެވެ.
ކިޔެވުމާއި ހޯމްވޯރކް ހެދުމުގެ ތަފާތު ދަރިންނަށް ދަސްކޮށްދޭށެވެ. އަދި ކުދިން ބޮޑެތިވުމުން ސާނަވީ ތަޢުލީމާއި ކޯސްތަކުގެ ކިޔެވުމުގައި ހުންނަ ތަފާތު އަމިއްލައަށް ދެނެގަންނާނެއެވެ. ހޯމްވޯރކްއަކީ ގޭގައި ކުރުމަށް ހަވާލުކުރެވޭ މަސައްކަތްތަކެވެ. ނަމަވެސް ސްކޫލުގައި ކިޔަވާ ފިލާވަޅުތައް ގޭގައި މުޠާލަޢާ ނުކުރާނަމަ ވަރަށް އަވަހަށް ހަނދާނުން ފޮހެވިގެން ދެއެވެ. ގޭގައި ކުރުމަށް ހަވާލުކުރެވޭ މަސައްކަތްތައް އެންމެ ފުރަތަމަ ކުރާށެވެ. އޭގެފަހުގައި ކުރީދުވަހު ސްކޫލުގައި ކިޔެވި ފިލާވަޅުތައް އަލުން ކިޔާ ދަސްކުރާށެވެ.
ހުސްވަގުތު ހިމަނައިގެން ކިޔަވާށެވެ. 50-20 މިނިޓް ކިޔެވުމަށްފަހު 10-5 މިނިޓްގެ ހުސްވަގުތުކޮޅެއް ނަގާށެވެ. މި ހުސްވަގުތުކޮޅުގައި ހިނގާލާ ދުރުބަލާހަދާށެވެ. ދުވާލު އެއް ގަޑިއިރުގެ ކިޔެވުމާއި ރޭގަނޑުގެ ދެ ގަޑި އިރުގެ ކިޔެވުމާއި އެއްވަރުކަމުގައި ބުނެވެއެވެ. އަދި ކިޔައިގެން ދަސްކުރަންޖެހޭ ފިލާވަޅުތަކަށް އެންމެ ރަގަޅި ފަތިހުގެ ވަގުތެވެ. ކިޔަވަން އެންމެ ބޭނުންވާ ތިން މާއްދާ ފާހަގަކުރުމަށްފަހު އެންމެ އުނދަގޫ މާއްދާ އެންމެ ފަތިހު ކިޔަވާށެވެ. ކިޔަވަން އިންނައިނުމުގައި ކަރާއި އަތަށް ތަދުނުވާނެގޮތަކަށް އިންނާށެވެ.
ކުދިންގެ ހޯމްވޯރކް ހެދުމަށް އެންމެރަގަޅު ވަގުތުކަމުގައި ބެލެވެނީ ރޭގަނޑު ކެއުމުގެ ފަހެވެ. ބައެއްކުދިން ސްކޫލުން އަންނަގޮތަށް ހޯމްވޯރކް ހަދާތަން ފެނެއެވެ. މިވަގުތު ކުއްޖާ ހުންނާނީ ސްކޫލުގެ ކިޔެވުމަށްފަހު ވަރުބަލިވެފައެވެ. އެހެންކަމުން އެންމެ ރަގަޅަށް ފިލާވަޅު ހެދުމުގެ ބަދަލުގައި ބަލާނީ އަވަހަށް ނިންމާލެވޭތޯއެވެ.
ކޮންމެދުވަހަކުވެސް ކިޔެވުމަށް ވަކި ގަޑިއެއް ކަނޑައަޅާށެވެ. މިހެން ހެދުމުން ކުދިންގެ އުފަލަށްކުރާ ކަންތައްތައް ރާވާލުމަށް އެހީތެރިވެވޭނެއެވެ. ކުދިން ޓީވީ ބެލުމާއި ކުޅުމަށްވެސް ވަގުތުހުސް ކުރާށެވެ. މަޖުބޫރުން ކިޔަވާދިނުމުގެ ބަދަލުގައި ކުދިން ކިޔެވުމަށް ޝައުގްވެރި ކުރުވާށެވެ.
ސްކޫލުން ހަދަން ހަވާލުކުރާ ޕްރޮޖެކްޓްތައް އަވަހަށް ނިންމަން ދަސްކޮށްދޭށެވެ. ނިންމަންޖެހޭ ސުންގަޑި ޖެހެންދެން ބައެއްކުދިން މަޑުކުރާތަންފެނެއެވެ. މިހެން ހެދުމުން ޕްރޮޖެކްޓްގެ ފެންވަރު ދަށްވެއެވެ. އަދި އެންމެ ފަހު ވަގުތު މަންމައިންގެ އެހީތެރިކަމަށް އެދުމުން އެންމެ އެކަށީގެންވާ ގޮތުގައި އެހީތެރިކަން ފޯރުނުކުރެވޭތަންވެސް އާދެއެވެ.
ހަމަ ނިދި ނިދުމަށްފަހު ފިލާވަޅުކިޔަންފަށާށެވެ. ޓީންއޭޖްގެ ކުދިންނަށް އެންމެ އުނދަގޫ ކަމަކަށްވަނީ އަވަހަށް ނިދާފައި އަވަހަށް ހޭލުމެވެ. މިކަމަށް ހިތްވަރުދީ އެހީތެރިކަން ދޭށެވެ. ދަރިފުޅު ރަގަޅަށް ކައިގެން ހުންނަނަމަ ފިލާވަލު ދަސްކުރުމުގައި ފަސޭހަވާނެއެވެ. އެހެންކަމުން ދަރިފުޅުގެ ކެއުމަށް ޚާއްސަ ސަމާލުކަމެއް ދޭށެވެ.
ދަރިފުޅުގެ ސްކޫލުގެ އެންމެ ފުރަތަމަ އަހަރުން ފެށިގެން ދަރިފުޅުގެ ކިޔެވުމަށް ޝައުގްވެރިކަން ބަހައްޓާ އަދި ފިލާވަޅުތައްބަލާށެވެ. މިހާރަކަށް އައިސް ގިނަ އާއިލާ ތަކުގައި މަންމައަދި ބައްޕަ ވަޒީފާއަށް ދިއުމުގެ ސަބަބުން ދަރިފުޅުގެ ކިޔެވުމަށް ވަގުތު ހުސްކުރެވޭތަން ވަރަށް ނާދެއެވެ. ނަތީޖާއަކަށްވަނީ ކިޔެވުމުގެ މުހިއްމުކަން ދަރިފުޅުގެ ނަޒަރުގައިވެސް ދަށްވެގެން ދިއުމެވެ. އަދި ދަރިފުޅުގެ ޓީޗަރާއި ބަރާބަރަށް ގުޅުން ބަހައްޓާށެވެ. ދަރިފުޅުގެ ކިޔެވުމުގައި އެއްވެސް މައްސަލައެއް އުޅޭނަމަވެސް އެކަން އެންމެ ފަސޭހައިން އެނގޭނެގޮތަކީވެސް މިއެވެ. އަދި މިކަމަށް އަވަސް ހައްލެއް ގެނެޥޭނެގޮތަކީވެސް މިއެވެ. މީގެ އިތުރުން ދަރިފުޅުގެ ޓީޗަރާއި ބައްދަލުވެ ދަރިފުޅުގެ ކިޔެވުމާއި މެދު ހިޔާލުބަދަލުކޮށް ހެދުމުން، ކުދިންގެ ކިޔެވުމަށް ބެލެނިވެރިން ޝައުގްވެރިވާވަރުވެސް ޓީޗަރުންނަށް އެނގޭނެއެވެ. ޓީޗަރު ބައްދަލުކުރަންޖެހޭ ވަރަށް ގިނަ ބެލެނިވެރިން ތިބިކަން ދަނެގެން އިސްވެ ޓީޗަރާއި ބައްދަލުކުރާށެވެ.
--------------------------------------------------------------------------------
ޚިޔާލު
ޚަބަރު ރިޕޯޓް ކުޅިވަރު ކޮލަމް ވިޔަފާރި އަންހެނުން މުނިފޫހި ދުނިޔޭގެ ޚަބަރު ދުނިޔޭގެ ކުޅިވަރު ވާހަކަ ދީން
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv
Subscribe to:
Post Comments (Atom)
No comments:
Post a Comment