ދޮގުހެދުމާއި ކުޑަކުދިންނާ މެދު ވިސްނާލުމުން މި ދެކަމުން އާދައިގެ ކަމަކީ ކޮން ކަމެއްކަން ދަނެގަތުން ދަތިވެއެވެ. އުމުރުން 6 އަހަރަށް އެޅުމުން ކުދިން މަދުމަދުން އެކި ކަންކަމުގައި، ބޭނުންވާ ކަމެއް ޙާޞިލް ކުރުމަށް ދޮގު ހަދަން ފެށުމަކީ އާދައިގެ ކަމެކެވެ. އެހެނަސް ދޮގުހެދުމުން އަޅާނުލާ ދޫކޮށްލުން ނުވަތަ ކުދިން އެގޮތަށް އިތުރަށް އަމަލު ކުރުމަށް ހިތްވަރު ލިބޭ ކަހަލަ ގޮތް ގޮތަށް ކަންތައް ކުރުމަކީ ވަރަށް ދެރަކެމެކެވެ. ދޮގު ހެދުމަކީ ގޯސް ކަމެއްކަން މަޑުމައިތިރި ކަމާއެކު ވިސްނައިދިނުން ވަރަށް މުހިއްމެވެ. މިގޮތަށް ވާހަކަ ދެކެވޭ އިރު އެއްމެ ފުރަތަމަ އޮޅުން ފިލުވުން މުހިއްމީ ކުއްޖާ ދޮގުހަދަން ޖެހުނީ ކީއްވެތޯ އާއި އެނާގެ ސަބަބުތައް ދަނެ ގަންނަން މަސައްކަތް ކުރުމެވެ. އަދި ކުއްޖާގެ ވާހަކަ އަޑުއަހާ ޤަބޫލް ކުރުމާއި އިތުބާރަކީ ކިހާ މުހިއްމު އެއްޗެއްކަމާއި ދޮގު ހެދުމުން މީހުންގެ އިތުބާރު ގެއްލޭނެ ކަން ކުއްޖާއަށް ވިސްނައިދިނުން މުހިއްމެވެ. މިގޮތުން އެއްދުވަހަކު އުޅުނު ދޮގު ހަދާ ކުއްޖަކަށް ދިމާވި ދެރަ ގޮތަކާ ބެހޭ ގޮތުން ވާހަކައެއް ސިފައިގަ ކުއްޖާ އަށް ވިސްނޭ ގޮތަށް ހާދިސާ އެއް ކިޔާ ދެވިދާނެއެވެ.
މިއީ ޚިލާފަށް ދަރިފުޅު އެއްމެ އާދައިގެ ކަންތަކާވެސް ދޮގުހެދުން އާދަ ކުރުމަކީ ވަރަށް ސީރިއަސް މައްސަލައަކަށް އިޝާރާތް ކުރާ ކަމަކަށް ވުން އެކަށީގެންވެއެވެ. ބައެއް ފަހަރު މައިން ބަފައިން، ކުއްޖާ އަށް ގޯސްކޮށް ކަމެއް ކުރެވޭ ކޮންމެ ފަހަރަކު މާ ހަރުކަށި ކޮށް އަމަލު ކުރެވި، އަދަބު ދެވޭނަމަ އެފަދަ ކަންކަމަށް ބިރުން ވެސް ދޮގު ހެދުން އިސް ކުރާ ގޮތް މެދުވެރިވެއެވެ. މި ގޮތަށް ކަންތައް ކުރުމުގެ ބަދަލުގައި ދޮގު ހެދުމުން ލިބޭ ގެއްލުން ތަކާއި އެކަމުގެ ގޯސްކަން އެކިދުންނަށް ވިސްނޭނެހެން ކިޔައިދޭށެވެ. ދަރިފުޅު އަބަދު ދޮގު ހަދާނަމަ ދަރިފުޅު ދައްކާ އެއްވެސް ވާހަކައެއް އެއީ ތެދަކަށް ވިޔަށް އެއްވެސް މީހަކު ޤަބޫލް ނުކުރާނެ ކަމާއި މީހުން ރުޅި އަންނާނެ ކަން ވިސްނައިދޭށެވެ. މައިންބަފައިން ނުވަތަ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ދަރިފުޅު ދޮގުހަދަނީ ކޮން އިރަކުތޯ އާއި ތެދު ހަދަނީ ކޮން އިރަކުތޯ އެގެން ޖެހެއެވެ. އެކަމަކު ދަރިފުޅު ދޮގު ހަދަން އާދެވެފައިވާނަމަ މި ގޮތަށް ދަނެގަތުން ދަތިވެ ދަރިފުޅު ދައްކާ ވާހަކަ ގަބޫލް ކުރުން ދަތިވެއެވެ. އަދި މިގޮތަށް ކަންތައްވާނަމަ އަވަހަށް ދަރިފުޅު ކުޑަކުދިންގެ ސައިކޮލޮޖިސްޓަކަށް ދެއްކުން މުހިއްމެވެ.
ދޮގެއްބުނާ ވަގުތު ދަރިފުޅު އާއްމު ކޮށް ގެންގުޅޭ ހަރަކާތް ތައް ނުވަތަ ގެންގުޅޭ ގޮތްތައް ދަސްކުރުން ނުވަތަ ހަނދާނުގަ ބަހައްޓާށެވެ. މިސާލަކަށް އިގިއްޔަށް އިސްތަށިގަނޑުން ބައެއް އޮޅުން، އާ ގަތުން، ޖަވާބުދޭ އިރު ހިނިތުންވުން ނޫނީ ޖަވާބު ދިނުމުގައި ހަތަރު ކަޅި ހަމަނުކޮށް ވާހަކަ ދެއްކުން ހިމެނެއެވެ. މިކަހަލަ އިޝާރާތްތަކަށް ސަމާލުވުމުން ދަރިފުޅު ދޮގެއް ހަދަން މަސައްކަތް ކުރާ ހިނދު ވަރަށް ފަސޭހައިން ދަނެގަނެވޭނެއެވެ. އަދި ދަރިފުޅު ތިބުނަނީ ދޮގެއްކަން މަންމައަށް އެގޭ ދަރިފުޅަށް އަންގައިދީ ތެދު ބުނުވުމަށް ބާރު އަޅުވާށެވެ. މިގޮތުން ދަރިފުޅު ދޮގު ހެދުމާއި ދުރުކުރެވިދާނެއެވެ.
ކުދިން ހެދިބޮޑުވުމުގައާއި ކަންކަން ދަސްކޮށް ހޯދާ ދަނެގަތުމުގެ މަރުޙަލާގައި ދޮގު ހެދުމަކީ އާދައިގެ ކަމެކެވެ. އެހެނަސް މިއީ ވާހަކަ ދެކެވި ހައްލުކުރަން ޖެހޭނެ މައްސަލައެކެވެ. ކުޑައިރުއްސުރެ ކުދިންނަށް ދޮގު ހެދުމާއި ދުރުހެލިވުމަށް ދަސްކޮށްދީ ދޮގުހެދުމުން ލިބިދާނެ ގެއްލުންތައް ވިސްނާދީ ހެދުމުން މުސްތަޤްބަލުގައިވެސް ދޮގުހެދުމާއި ދުރު ދަރިން ތަކަކަށް އަޅުގަނޑުމެންގެ ދަރިން ވެގެންދާނެއެވެ.
--------------------------------------------------------------------------------
Subscribe to:
Post Comments (Atom)
No comments:
Post a Comment