Tuesday, September 29, 2009

ނަޖިސް ތަކެތީގެ މާނައަކީ ކޮންމެ ހަޑި އެއްޗެކެވެ. ޝަރީޢަތުގައި ނަޖިހަކީ އެއެއްޗަކާ އެކު ނަމާދު ޞައްހަވުން މަނާ ކުރާ ކޮންމެ ހަޑިއެއްޗެކެވެ.
ނަޖިސް އެއީ ކޮންމެހެންވެސް އަޅުގަނޑުމެންގެ ހަށިގަނޑާ ފޭރާމުން ފިލުވާލަންޖެހޭ އެއްޗެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެންނަށް ދެއްވާފައިވާ އިރުޝާދުގެ އަލީގައި ބުނެވޭނީ ނަޖިސް އެއީ އަޅުގަނޑުމެންގެ ހަށިގަނޑުންނާއި ފޭރާމުން ފިލުވާލުން ވާޖިބު އެއްޗެކެވެ. ޙަޤީގަތުގައި ﷲ ޞުބުޙާނަހޫ ވަތަޢާލާ ހުރިހާ އެއްޗެއްވެސް ހެއްދެވީ ޠާހިރު ތަކެތީގެ ގޮތުގައެވެ. އަދި އުފައްދަވާފައި އެއިން ޠާހިރުތަކެއްޗާއި ނަޖިސް ތަކެތި އަހަރުމެންނަށް އެންގެވިއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ހަވާ ނަފްސާއި އެދުންވެރިކަމާއި ވިސްނުން ވަކިއެއްޗިއްސަކީ ނަޖިސް އެއްޗެއް ނޫނޭ ވަކިއެއްޗިއްސަކީ ނަޖިސް އެއްޗެކޭ ބުނެ ކަނޑައަޅާކަށް ނުޖެހޭނެއެވެ. ނަޖިހަކަށްވުން އެއީ ޝަރުޢީ ދަލީލަކުންސާބިތުވެފައި އޮންނަން ޖެހޭނެކަމެކެވެ. އަޅުގަނޑުމެންނަށް އެއްޗެއް ހުތުރުވުމުން،އޭގެވަސް ނުބައިވުމުން ނުވަތަ މަންޒަރު ކަމުނުދިއުމުން، އެއީ ނަޖިހެއްކަމަށް އަޅުގަނޑުމެންނަށް ކަނޑަނޭޅޭނެއެވެ.އަދި ހަމައެފަދައިން އޭގެކުލަ ރީތިވިޔަސް، ވަސް ކިތަންމެ ރަނގަޅުވިއަސް ނަޖިސް އެއްޗެއްވާނީ ނަޖިހަކަށެވެ.
"ނަޖިހުގެ މުރާދަކީ މުސްލިމާގެ މައްޗަށް އެއިން ޠާހިރުވުމަށް އަދި ގައިން ތަނެއްގައި ޖެހިއްޖެނަމަ އެތަންދޮވުން ވާޖިބުވެގެންވާ ހަޑި ކޮންމެ އެއްޗެކެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.    (المدثر 4 ) މާނައީ "އަދި ކަލޭގެފާނުގެ ހެދުންކޮޅު ޠާހިރު ކުރައްވާ ހުށިކަމެވެ." ރަސޫލާ (ޞ) ޙަދީޘް ކުރައްވާފައިވެއެވެ. "الطهور شطر الايمان " (رواه مسلم ) މާނައީ: "ޠާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ." (ކިތާބުއްޠަހާރާ)








ނަޖިސްތަކެއްޗަކީ :

ކުޑަގިފިލި، މާގިފިލި، ހޮޑު، ވަދްޔު، މަޛްޔު މަނި، ލޭ ދޮސް، ފާދިޔަ، ޢަލަޤާ، މުޅަތަކެތި، ރާ، ކުއްތާ، އޫރު،ކިރު މިއެވެ.
ކޮންމެ އެއްޗަކީވެސް އޭގެ ތަފާތު ދަރަޖައެއްވާނެ ތަކެއްޗެވެ. މިގޮތުން ތަފާތު ދަރަޖަ ތަކުގެ ނަޖިސްވެއެވެ. އަދި އެނަޖިސް ތަފާތު ތިން ދަރަޖައަކަށް ޢިލްމުވެރިން ބައްސަވައެވެ. އެއީ :


އީ ނަޖިސްކަން ގަދަ ނަޖިހެވެ.މިބައިގައި ހިމެނޭނީ ކުއްތާއާއި އޫރާއި އަދި މިދޭތީގެ ނުވަތަ މިދޭތިންކުރެ
އެކައްޗެއްގެ ދަރީގެ ނަޖިހެވެ. މިނަޖިސް ޖެހިފައިވާ ތަން ހަތްފަހަރު ދޮންނަންވާނެއެވެ. އަދި އެއިގެ ތެރެއިން އެއް ފަހަރު ވެލިލައިގެން ދޮވުން ޝަރުޠުވެއެވެ. ވެލިލުން ރަނގަޅީ ފުރަތަމަ ފަހަރާއި ފަހުފަހަރާއި ދެމެދުގެ ކޮންމެވެސް ފަހަރެއްގައެވެ.
"އަލްއިމާމް އަބޫޙަނީފާ ނަޖާސާ މުޣައްލިޡާ ސިފަކުރައްވަނީ ކީރިތި ޤުރުއާނުންނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘުން އެއީ ނަޖިހެއްކަމުގައި ސާބިތުވާ ކޮންމެ ނަޖިހެކެވެ. އެނަޖިހަކުން ދުރުހެލި ވުމަށް އަހަރުމެންނަށް އުނދަގޫ ވެގެން ނުވާނެއެވެ. މާނައަކީ އަހަރުމެންގެ ދިރިއުޅުމާ އެއާ އެއްވެސް ގުޅުމެއް އޮވެގެން ނުވާނެއެވެ." (މަރްޙަބާ.ނެޓްގެ ފިޤުހު)
"ކުއްތާ އެއީ ނަޖިހެއްތޯ ނުވަތަ ނޫންތޯ މިކަމުގައި ޢިލްމުވެރިން 3 ބަޔަކަށް ބެހިވަޑައިގަންނަވައެވެ. ބައެއްބޭފުޅުން ވިދާޅުވަނީ މުޅި ކުއްތާ އެއީ ނަޖިހެކެވެ. އަނެއްބައި ބޭފުޅުން ވިދާޅުވަނީ މުޅި ކުއްތާ އެއީ ޠާހިރު އެއްޗެކެވެ. އަނެއްބައި ބޭފުޅުން ވިދާޅުވާގޮތުގައި ކުއްތާގެ ކުޅު ފިޔަވައި އެހެނިހެން ބައިތައް އެއީ ޠާހިރު އެއްޗެކެވެ." (މަރްޙަބާ.ނެޓްގެ ފިޤުހު)
"އަލްއިމާމް އައުޒާޙީ، އަލްއިމާމް އަބޫޙަނީފާ، އަލްއިމާމްއަޙްމަދު، އަދި އަލްއިމާމް ޝާފިޢީ ، މި

މިހުރިހާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ކުއްތާ އެއީ ނަޖިހެކެވެ. މި ޢިލްމުވެރިން ވިދާޅުވާގޮތުގައި ވަކިކަމަކަށް ތަމްރީން ކުރެވިފައިވާ ކުއްތާއެކޭ އެހެން ކުއްތާއެކޭ އެއްވެސް ތަފާތެއް ނެތެވެ. އެއީ ނަޖިހެކެވެ. އިސްލާމީ ޝަރީޢަތުގައި ބައެއް ކުއްތާ ގެންގުޅުމަށްވަނީ ހުއްދަ ދެއްވާފައެވެ. އެއީ ދަނޑު ގޮވާން ކުރުމުގެ މަސައްކަތަށާއި ، ފާރަވެރިއެއްގެ ގޮތުންނާއި ޝިކާރަކުރުމަށް ފަދަ
ކަންތައްތަކުގައެވެ.ކޮންމެއަކަސް ގެންގުޅުން ޙަރާމް ކުއްތާއެކޭ ހުއްދަ ދެއްވާފައިވާ ކުއްތާއެކޭ މިކަމުގައި އެބޭފުޅުން އެއްވެސް ތަފާތެއްނުކުރައްވައެވެ. އެއީ ނަޖިހެކެވެ. ކުއްތާއަކީ ނަޖިސްކަމަށް ވިދާޅުވާ މިބޭފުޅުންގެ ދަލީލަކީ ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ޙާދީޘެކެވެ. އޭގެ މާނާގައިވެއެވެ. ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ކަންވާރަކަށް ކުއްތާ ދޫލައިފިނަމަ އޭގައި ހުރި އެއްޗެއް ވަރާލާށެވެ. އަދި އެއީ ދިޔާ އެއްޗެއްނަމަ އޮއްސާލާށެވެ. އަދި އޭގެ ފަހުގައި 7 ފަހަރު ދޮންނާށެވެ. އޭގެތެރެއިން އެއްފަހަރު ވެލިލައިގެން ދޮންނާށެވެ.
މި ޢިލްމުވެރިން ވިދާޅުވަނީ އެކުއްތާގެ ސަބަބުން އެކާއެއްޗެހި ނަޖިސްނުވިނަމަ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއުކާލެއްވުމަށް އަމުރުފުޅު ނުކުރައްވާނެއެވެ. އެހެންކަމުން މުޅި ކުއްތާ އެއީ ނަޖިހެކެވެ." (މަރްޙަބާ.ނެޓްގެ ފިޤުހު)

ނަޖިސްކަން ލުއިވެގެންވާ ނަޖިހުގެ ތެރޭގައި ހިމެނެނީ ކެއުމަށްޓަކައި ކިރުނޫން އެހެން އެއްޗެއް ބޭނުން ނުކުރާ ދެ އަހަރުނުވާ ކުޑަ ފިރިހެން ކުއްޖާގެ ކުޑަ ގިފިއްޔެވެ. މިޖެހިފައިވާ ތަނަށް ފެން ވިއްސާލުމުން ފުދޭނޭއެވެ.
"ޝާފިޢީ މަޒްހަބްގެ ޢިލްމްވެރިން ވިދާޅުވާ ގޮތުގައި މަންމަ ގާތުން ބޯ ކިރުނޫނަސް ކެއުމުގެ ގޮތުން އެހެން ކަހަލަ ކިރެއްވިޔަސް އަދި ކިރުން ނެގިފައިވާ އެއްޗެހި، މިސާލަކަށް ޗީޒްފަދަ ތަކެއްޗަށް ވެސް މަންމަގެ ކިރުމުގެ ޙުކުމް ދެމިއޮންނާނެއެވެ.

ޝާފިޢީ މަޒުޙަބްގެ ޢިލްމްވެރިން ދެކެވަޑައިގަންނަވާ " ކިރުނޫން އެހެން އެއްޗެއް ނުދެވޭ " މިބުނާބަހުގެ މާނައަކީ މިއީއެވެ." (މަރްޙަބާ.ނެޓްގެ ފިޤުހު)

ނަޖިސްކަން މެދުމިންވެގެންވާ ނަޖިހަކީ އިސްވެ ދެންނެވުނު ދެދަރަޖައިގެ ނަޖިސް ނޫން ދެންއެހެން ހުރިހާ ވައްތަރެއްގެ ނަޖިހެވެ. އޭގެ ތެރޭގައި :.....
ކުޑަގިފިލި
"ޢުމުރުން ދެއަހަރުނުވާ ކުޑަ ފިރިހެން ކުއްޖާ ނޫން އާދަމުގެ ދަރީންގެ ކުޑަ ގިފިލި ނަޖިސްކަން، އިޖްމާޢުން ޘާބިތުވެއެވެ. މަސްކެއުންޙަލާލު ނޫން ޙައިވާނުންގެ ކުޑަގިފިލި ނަޖިސް ކަމާމެދު ވަރަށް މަދު ދަންނަބޭކަލަކު މެނުވީ އެންމެހާ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވައެވެ. އަދި މަސްކެއުން ޙަލާލު ތަކެތީގެ ކުޑަގިފިއްޔާ ބެހޭ ގޮތުން ބައެއް ދަންނަބޭކަލުން އެ ޠާހިރު ކަމުގައި، އަނެއްބައި ދަންނަބޭކަލުން އެނަޖިސް ކަމުގައި ވިދާޅުވެއެވެ." (ނޫރުލްއިސްލާމް.ކޮމް)
މާގިފިލި
"އާދަމުގެ ދަރިޔާގެ މާގިފިލި ފަދައިން އެހެނިހެން ސޫފިތަކުގެ މާގިފިލިވެސް ނަޖިހެވެ. ދޫނީގެ މާގިފިއްޔާ ބެހޭގޮތުން ދަންނަބޭކަލުންގެ މެދުގައި އިޚްތިލާފްވެއެވެ. ކޮތަރުގެސީ ޠާހިރުކަމުގައި ބައެއް ދަންނަބޭކަލުން ވިދާޅުވެއެވެ. އިމާމް އަބޫ ޙަނީފާ ވިދާޅުވަނީ ކުކުޅުގެ ސީ ފިޔަވައި އެހެން ހުރިހާ ދޫންޏެއްގެ ސީ ޠާހިރުކަމުގައެވެ." (ނޫރުލްއިސްލާމް.ކޮމް)
މަޛްޔު
"މިއީ ޝަހުވާނީ އެދުން ގަދަވާހިނދު ނުވަތަ ޝަހުވާނީ ޚިޔާލު ކުރެވޭ ހިނދު ކުރިމަތި ފަރާތުން ނިކުންނަ ވަދްޔަށްވުރެ އޮލަކަންކުޑަ ފެނެކެވެ. މިއީ ފިރިހެނުންގެ ކިބައިންވެސް އަދި އަންހެނުންގެ ކިބައިންވެސް އަންނަ

ފެނެކެވެ.އަންހެނުންގެ ކިބައިން އަންނަލެއް ގިނަވާނެއެވެ.މިއީވެސް ނަޖިހެއްކަމަށް ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވައެވެ. ގައިން ތަނަކު ޖެހިއްޖެނަމަ ޖެހޭނީ އެތަން ދޮންނާށެވެ.އެކަމަކުހެދުމުގައި ޖެހިއްޖެނަމަ އެތަނަށް ފެންވިހުރުވައިލުމުން ފުދޭނެއެވެ. ސަބަބަކީ މިއީ ޒުވާނުންގެ ކިބައިން އައުން ގިނަ އެއްޗެއް ކަމުގައިވާތީ މިއިން ސަލާމަތްވުން އުނދަގޫ ނަޖިހެކެވެ.މާތްﷲ ރުއްސުންލެއްވި سهل بن حنيف ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.އަހުރެން ދަންނަވައިފީމެވެ.އޭﷲގެ ރަސޫލާއެވެ! އަހުރެންގެ ހެދުމުގައި މަޛްޔު ޖެހިއްޖެނަމަ އަހުރެން ހަދާނީ ކިހިނެއްހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "يكفيك ان تاءخذ كفا من ماء فتنضح به ثوبك حيث ترى انه قد اصاب منه" (رواه ابو داؤد والتر مذى) މާނައީ:" ތިބާ ފެންއަތްގޮށްޓެއް ނަގައި ތިބާގެ ހެދުމުން މަޛްޔު ޖެހުނުކަމަށް ތިބާއަށް ފެނުނުތަނަށް އެފެން އަތްގޮށި ވިހުރުވައިލުމުން އެގޮތް ތިބާއަށް ފުދޭނެއެވެ". (ރާއްޖެއިސްލާމް.ކޮމް)
ވަދްޔު
"މިއީ ކުޑަކަމުދިއުމާ ވިދިގެން ނުވަތަ ބަރުއެއްޗެއް އުފުލުމުގެ ސަބަބުން ކުރިމަތި ފަރާތު ދޮރުން ނިކުންނަ ހުދުކުލައިގެ ފެނެކެވެ. މިއީ މަޛްޔަށް ވުރެ އޮލަފެނެކެވެ.
މީގެ ނަޖިސް ކަމާމެދު އެއްވެސް އިޚްތިލާފެއް އައިސްފައެއް ނުވެއެވެ. އެބަހީ މިއީ ނަޖިހެއް ކަމަށް ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވެއެވެ. މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާ ވެގެންވެއެވެ." ވަދުޔު ދަންނައެވެ. ފަހެ އެއީ ކުޑަކަމު ދިއުމަށް ފަހު،އަންނަ އެއްޗެކެވެ. އެއައުމުން އޭނާގެ ޒަކަރާއި އުރަވަޅި އޭނާ ދޮންނަހުށިކަމެވެ.އަދި އޭނާ ވުޟޫކުރާހުށިކަމެވެ. ހިނައިގަންނާނެ ކަމެއްނެތެވެ." (رواه ابن المنذر ). އަދި މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. " މަނި ބޭރުވެއްޖެނަމަ ޖެހޭނީ ހިނައިގަންނާށެވެ. ވަދުޔާއި މަޛްޔު ބޭރުވެއްޖެނަމަ ޖެހޭނީ ރީތިކޮށް ދޮވެ ސާފުކުރާށެވެ." (رواه الاثرم )" (ރާއްޖެއިސްލާމް.ކޮމް)
ލޭ
"މަހުގެ ލޭ ފިޔަވައި އެހެންހުރިހާ ލެއެއްމެ ނަޖިހެވެ. މަހުގެ ލޭ ބެލެވޭނީ ޠާހިރުކަމުގައެވެ. މަސްކެވޭ ތަކެތީގެ މަސްގަނޑުގައި ހުންނަ ލެޔާއި ކަށީގައި ހުންނަ ލޭ ބެލެވޭނީ ޢަފޫވެގެންވާ ކަމުގައެވެ.
މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.        •          ••        •           •     (الانعام 145) . މިއާޔަތުގެ ތަފްސީރުގައި ابن جريج -رحمه الله ވިދާޅުވިއެވެ." މިއާޔަތުގައި މިވާ ލޭގެ މުރާދަކީ އޮހޮރިއޮހޮރި ހުންނަ ގިނަ ލެޔެވެ. އަދި އޭގެ ނާރު ތަކުގައި ނުނިކުމެ ހުއްޓިހުންނަ މަދުލޭކޮޅަކު އެއްވެސް މައްސަލައެއްނެތެވެ. އަދި މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ތެލީތެރޭ މަސްފެންގަނޑުގައި ރޮނގުރޮނގަށް ލޭގެ އަސަރުހުންނަ ޙާލު އަހުރެމެން މަސްކައި ހަދަމުއެވެ. އަދި الحسن البصرى – رحمه الله – ވިދާޅުވިއެވެ.މުސްލިމުން އެމީހުންގެ ހަނގުރާމަތަކުގައި ޒަޚަމްތަކުން ލޭއަންނަ ޙާލު ނަމާދުކޮށް އުޅުނެވެ. (ذكره البخارى).
އަދި މާތްﷲ ރުއަސުންލެއްވި ޢުމަރުގެފާނުނަމާދަށް ހުންނަވަނިކޮށް ޒަޚަމްވެވަޑައިގެންނެވި ހިނދު އެޒަޚަމުން ލޭއައިސްފައިވާ ޙާލު ނަމާދު ކުރެއްވިއެވެ.(فتح البارى)" (ރާއްޖެއިސްލާމް.ކޮމް)
ދޮހާއި ފާދިޔާ
"ލެއެކޭ އެއްގޮތަށް ދޮސްވެސް ނަޖިހެވެ. މިހެނީ ދޮސް އުފެދެނީ ލޭ ކުނިވެގެންނެވެ. ފާރުގަނޑަކުން ފައިބާ ފެނުގައި ނުބައިވަސް ދުވާނަމަ، އެނަޖިހެވެ. އެއީ ފާދިޔައެވެ. އެފެނުގައި ނުބައިވަސް ނުދުވާނަމަ ހަށިގަނޑުން ހިއްލޭ ދަލެކޭ އެއްގޮތަށް ޠާހިރެވެ." (ނޫރުލްއިސްލާމް.ކޮމް)
ޢަލަޤާ
"މިއީ އަންހެނާގެ ރަޙިމުގެ ތެރޭގައި މަނި، ގަނޑުލެއަށްވީމާ ކިޔާ ނަމެކެވެ. އެގަނޑު ލޭކޮޅު މަސްކޮޅަކަށް ބަދަލު ވުމުން ކިޔާނީ މުޟްޣާއެވެ. ޢަލަޤާ ޠާހިރު ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވިނަމަވެސް ގިނަ ބޭކަލުން ވިދާޅުވަނީ ޢަލަޤާ ނަޖިސް ކަމުގައެވެ. މުޟުޣާ ޠާހިރެވެ." (ނޫރުލްއިސްލާމް.ކޮމް)

މުޅަތަކެތި

މުޅަތަކެތީގެ ކެހެރިއާއި ދަޅާއި ނިޔަފައްޗާއި ކަށްޓަކީ ނަޖިސް އެއްޗިއްސެވެ. މާތް ﷲ ވަޙި ކުރައްވަނީ " حرمت عليكم الميتة " މާނައީ: ތިޔަބައިމީހުންގެ މައްޗަށް މުޅަތަކެތި ޙަޜާމް ކުރެއްވިގެންވެއެވެ. މުޅަތަކެއްޗަކީ ޝަރުޢީ ގޮތުން ކަތިލުމެއް ކަމަށް ނުބެލެވޭ ފަދަ ގޮތަކަށް އޭގެ ފުރާނަ ދުއްވާލާފައިވާ ކޮންމެއެއްޗެކެވެ. ވީމާ މަސްކެއުން ޙަލާލްނޫން އެއްޗެއް ކަތިލިކަމުގައި ވިޔަސް އެއީ މުޅައެއްޗެކެވެ. ހަމަ އެފަދައިން މަސްކެއުން ހުއްދަނޫންއެއްޗެއް ޝަރްޢީ ގޮތުން ހުއްދަނޫން ގޮތަކަށް ނުވަތަ ކަތިލުން ހުއްދަނޫން މީހަކު ކަތިލައިފިނަމަ އެއީ މުޅައެއްޗެކެވެ. ދިރިއޮތް އެއްޗަކުން ވަކިކޮށްލެވޭ ބައިބައިގެ ޙުކުމަކީ އޭގެ މުޅަތަކެތީގެ ޙުކުމެވެ.
މާތްﷲ ރުއްސުންލެއްވި ابو واقد الليثى ގެ ކިބައިން ރިވާ ވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول صلى الله عليه وسلم حديث ފުޅު ކުރެއްވިއެވެ. " ما قطع من البهيمة وهى حية فهو ميتة " (رواه ابو داود) މާނައީ:" ޖަނަވާރަކުން އޭތި ދިރިއޮތް ޙާލު ކަނޑައިލެވޭ ކޮންމެ މަސްކޮޅަކީ ފަހެ،މަރުވެފައިވާ އެއްޗެކެވެ."
އާދަމުގެ ދަރިޔާއާއި ގޮތްފުޅަނގިއާއި ކަނޑުމަސް ފިޔަވައި އެހެން ހުރިހާ މުޅަތަކެތި ނަޖިހެވެ. މުޅަތަކެތީގެ ބަނޑުގައިވާ ބިސް ތޮށިލައި ހަރުވެފައިވާނަމަ ޠާހިރެވެ.
މިއިން އިސްތިސްނާ ވެގެންވަނީ އާދަމުގެ ދަރީޔާގެ އިސްތައްޓާއި މަސްކެއުން ޙަލާލު އެއްޗެހީގެ ކެހެރިއެވެ. މިތަކެތި ނަޖިސްކަމަށް ދަލީލު ކުރާނެ އެއްވެސް ދަލީލެއް އައިސްފައެއް ނެތެވެ.


ރާ
"މަސްތުވާ ކޮންމެ އެއްޗަކީ ރަލެވެ. މިގޮތުން މަސްތުވާ ކޮންމެ އެއްޗަކީ ނަޖިހެކެވެ. ޖުމްހޫރީ ޢިލްމުވެރިންގެ އަރިހުގައި މިއީ ނަޖިހެކެވެ. އެއީ މާތްﷲގެ މިވަޙީ ބަސްފުޅުގެ ސަބަބުންނެވެ.           (الما يده 90 )
މާނައީ:" ބަނގުރަލާއި ޖުއާއާއި ބުދުތަކާއި ނަސީބުހުރި ނެތްގޮތްބަލާ ތީރުތަކާއި މިހުރިހާ ތަކެއްޗަކީ ނަޖިސް ތަކެއްޗެވެ. ޝައިޠާނާގެ ޢަމަލުގެ ތެރެއިންވާ ތަކެއްޗެވެ." " (ރާއްޖެއިސްލާމް.ކޮމް)
ކިރު
އާދަމުގެ ދަރިޔާ ނޫން، މަސްކެއުން ޙަލާލް ނޫން އެހެން ތަކެތީގެ ކިރު ނަޖިހެވެ.

ހޮޑު
"ހޮޑަކީ އޭގެ ނަޖިސްކަމާމެދު ޢިލްމްވެރިން ޚިލާފްވެ ވަޑައިގަންނަވާ ނަޖިހެކެވެ. ހޮޑަކީ ނަޖިސްއެއްޗެއްކަމަށް ދެކިލައްވަނީ ޙަނަފީ މަޛްހަބާއި މާލިކީ މަޛްހަބެވެ. މި ޢިލްމްވެރިން ދެކިލައްވާ ގޮތުގައި މައިދާގައި ހުރި އެއްޗެއް އަލުން އަގަޔަށް އައިސް އެ އަގައިގެ ތެރޭގައި ބަންދުނުވާވަރަށް ހޮޑުއައުމުން އެނަޖިސް ވާނެއެވެ. އަދި އެހޮޑަށް އަންނައިރު އެކާއެއްޗެހި ހުންނާނީ ތަޢައްޔަރު ވެފައެވެ. އެހެންކަމުން އެ ނަޖިހެވެ. އެހެން ނަމަވެސް ޙަނަފީ މަޛްހަބްގެ ޢިލްމުވެރީން ވިދާޅުވާގޮތުގައި ކުޑަކުޑަ ތުއްތުކުއްޖަކު ގާތުން ކިރުބޮއެފައި މަޑުނުވެ ލާހޮޑު ނަޖިހެއްނުވާނެއެވެ.

ޝާފިޢި މަޛްޙަބްގެ ޢިލްމުވެރީން ދެކިލައްވާގޮތުގައި ހޮޑަކީ ނަޖިހެއް ނޫނެވެ. އެއީ ކާތަކެތި މައިދާގެ ތެރޭގައި ހުރެފައި އެނބުރި އަޔަސް އެއީ ނަޖިހެއް ނޫންކަމަށް މިމަޛްޙަބުގެ ޢިލްމުވެރިން ދެކިލައްވައެވެ. ސަބަބަކީ އެނިކުންނަ ތަނަކީ ނަޖިސް ނިކުންނަ ދޮރަކަށް ނުވާހިނދަކު އެ ނަޖިހެއް ނުވާނެއެވެ. އަލްއިމާމް އައްޝައުކާނީ ރަހިމަހުﷲ ( ކުރީގެ ޢިލްމުވެރިއެއް) ބުރަވެވަޑައިގަންނަވާ ގޮތުގައި ހޮޑަކީ ނަޖިހެއް ނޫނެވެ. ކޮންމެއަކަސް މިޒަމާނުގެ ޢިލްމުވެރިންވެސް އަދި ކުރީގެ ޢިލްމުވެރިންވެސް ދެކެވަޑައިގަންނަވާ ގޮތުގައި ހޮޑަކީ ނަޖިހެއް ނޫނެވެ." (މަރްޙަބާ.ނެޓް)
މަނި
އިންސާނާގެ ހަށިގަނޑާ ގުޅިފައިވާ ދެވަނަ އެއްޗަކީ މަންޏެވެ. މަނި މިއީ އިންސާނާ އެއިން އުފެދިފައިވާ އަޞްލެވެ. ޙަނަފީ އަދި މާލިކީ މަޛްޙަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މަނި އެއީ ނަޖިސް އެއްޗެކެވެ. މި ޢިލްމުވެރިން ވިދާޅުވަނީ އެއި ހަޑިއެއްޗެކެވެ. އެއީ އިންސާނީ ޠަބީޢަތް އެދުށުމަށް އެދޭ އެއްޗެއް ނޫނެވެ. އެއީ އެ ހުރެއްޖެނަމަ އެއިން ނުބައި ވަސްދުވާ އެއްޗެކެވެ. އަދި އޭގެ އަޞްލަކީ ލެޔެވެ. މި މަޛްޙަބުގެ ޢިލްމުވެރިންގެ ދަލީލަކީ ޢައިޝަތުގެފާނު ރިވާ ކުރައްވާފައިވާ ޙަދީޘެކެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. " ތިމަންކަމަނާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސަލަމްގެ ފޭރާން ކޮޅުގައި މަނި ހުރެއްޖިއްޔާ އެހިކިފައިވާނަމަ އެކަހާ ލައްވަމެވެ. އަދި ތެތްކޮށްހުރެއްޖެނަމަ ދޮވެލައްވަމެވެ.
ޝާފިޢީ މަޛްޙަބުގެ ޢިލްމުވެރިންގެ އަރިހުގައި ނަޖިހެއްނޫނެވެ. އެހިކިފައިވާނަމަ ކަހާލުން އަދި ތެތްކޮށް ހުރެއްޖެނަމަ ދޮވެލުން އެއީ މުސްތަޙައްބު ކަމެކެވެ. މި ބޭފުޅުންވެސް ދަލީލު ނަންގަވަނީ ޢައިޝަތުގެފާނު ރިވާކުރައްވާފައިވާ މި ޞައްޙަ ޙަދީޘުންނެވެ.
ޙައިވާނުންގެ މަންޏާމެދު ތިން ގޮތެއް ވެއެވެ. އެއްގޮތަކީ ކުއްތާއާއި އޫރާއި އަދި ދޭތީގެ ނުވަތަ ދޭތިންކުރެ އެކަތިން އުފެދުނު ދަރީގެ މަނި ނޫން އެހެން ހުރިހާ ޙައިވާނެއްގެ މަނި ޠާހިރު ކަމުގައި ބެލުމެވެ. ދެވަނަ ގޮތަކީ ހުރިހާ ޙައިވާނެއްގެ މަނި ނަޖިސްކަމުގައި ބެލުމެވެ. ތިންވަނަ ގޮތަކީ، މަސްކެވޭ ތަކެތީގެ މަނި އެއިގެ ކިރެކޭ އެއްގޮތަށް ޠާހިރުކަމުގައި ބެލުމެވެ. މަސް ނުކެވޭ ތަކެތީގެ މަނި ނަޖިސްކަމުގައި ބެލުމެވެ. (މަރްޙަބާ.ކޮމް)


"މިދޭއްޗަކީވެސް ނަޖިސް ދޭއްޗެވެ. މާތްﷲ ރުއްސުންލެއްވި އިބުނު މަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްދުވަހަކު ރަސޫލާ(ޞ) ޤަޟާޙާޖަތް ކުރައްވަންވެގެން ވަޑައިގަތެވެ. އަދި ތިންހިލަކޮޅު ގެނައުމަށް އަހުރެންނަށް އަމުރު ކުރެއްވިއެވެ. ( އެއީ އެކަލޭގެފާނު އެއިން އިސްތިންޖާ ކުރެއްވުމަށެވެ.) ދެން ފަހެ، އަހުރެންނަށް ފެނުނީ ދެހިލަކޮޅެވެ. އަދި ތިންވަނަ ހިލަކޮޅެއް ފެނޭތޯ މަސައްކަތް ކުރީމެވެ. އެކަމަކު ނުފެނުނެވެ. ދެން ތިންވަނަ އެތިކޮޅެއްގެ ގޮތުގައި ޖަނަވާރެއްގެ ހިކިފައިވާ ބޮޑުކަމު ނަޖިސްކޮޅެއް ނަގައިފީމެވެ. އަދި އެ ތިނެތިކޮޅު އެކަލޭގެފާނުގެ އަތްޕުޅަށް ގެންގޮސް ދީފީމެވެ. ފަހެ އެކަލޭގެފާނު އެދެހިލަކޮޅު ނަންގަވާ ޖަނަވާރު ނަޖިސްކޮޅު އެއްލައިލެއްވިއެވެ. އަދި ޙަދީޘްފުޅު ކުރެއްވިއެވެ. " އެއީ ނަޖިހެކެވެ." (رواه البخاري )
ދެނަ މަސްކެއުން ހުއްދަ ޖަނަވާރުތަކުގެ ކުޑަކަމުދާ އެއްޗެއްސާއި ބޮޑުކަމުދާ އެއްޗެހީގެ ވާހަކަ ދަންނައެވެ. މިދޭތި ނަޖިސްވުމާމެދު ޢިލްމުވެރިންގެ މެދުގައިވަނީ އިޚްތިލާފް އުފެދިފައެވެ. ރާޖިޙް ވެގެންވަނީ މިއީ ނަޖިހެއް ނޫންކަމުގައެވެ. އެބަހީ، މިއީ ޠާހިރު އެއްޗެކެވެ. ابن تيمية – رحمه الله –ވިދާޅުވިއެވެ. " އަޞްޙާބުބޭކަލުންގެ ތެރެއިން އެއްބޭކަލަކުވެސް މިއީ ނަޖިހެއްކަމުގައި ވިދާޅުވެފައެއްނުވެއެވެ." މާތްﷲ ރުއްސުންލެއްވި އަނަސުގެފާނުގެ ކިބައިން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " ޢުކުލުޤަބީލާގެ ނުވަތަ ޢުރައިނާޤަބީލާގެ ބަޔަކު މަދީނާއަށް އައެވެ. ފަހެ، މަދީނާގެޖައްވު އެބައިމީހުންނާ ނުގުޅުމުގެ ސަބަބުން އެބައިމީހުން ބަލިވެއްޖެއެވެ. ދެން ޒަކާތުގެ ޖަމަލުތަކުގެ ގާތަށްގޮސް އޭގެ ކިރާއި އޭގެ ކުޑަކަމުދާ އެއްޗެހި ބުއިމަށް އެބައިމީހުންނަށް ރަސޫލާ(ޞ) އަމުރު ކުރެއްވިއެވެ." މިޙަދީޘްފުޅުން ދަލީލު ކުރަނީ ޖަމަލުގެ ކުޑަކަމުދާ އެއްޗިއްސަކީ ނަޖިހެއް ނޫންކަމެވެ. ދެން މަސްކެވޭ އެހެނިހެން ޖަނަވާރުތަކުގެ ކުޑަކަމުދާ އެއްޗެހި ނަޖިސް ނޫން ކަމުގައިވަނީ ޖަމަލުގެ ކުޑަކަމުދާ އެއްޗިއްސަށް ޤިޔާސްކޮށްފައެވެ." (ރާއްޖެއިސްލާމް.ކޮމް)

"ޖައްލާލާއަކީ އިންސާނުންގެ ނަޖިހާއި މަސްކެއުން ހުއްދަނޫން ޖަނަވާރުތަކުގެ ނަޖިސް ކައިއުޅޭ މަސްކެއުންހުއްދަ ކޮންމެ ޖަނަވާރެކެވެ. އެއީ ޖަމަލު ކަމުގައި ވިޔަސް ގެރިކަމުގައި ވިޔަސް ބަކަރި ކަމުގައި ވިޔަސް ކުކުޅުކަމުގައި ވިޔަސް މެއެވެ. މިވައްތަރު ޖަނަވާރުގެ މަހާއި ކިރު ޠާހިރުވާނީ ނަޖިސްނޫން ތަކެތި ކާންދިނުމުންނެވެ. ބައެއް ޢިލްމުވެރިންގެ އަރިހުން ރިވާވެގެންވެއެވެ. ޖަމަލައި ގެރި ސާޅީސްދުވަސްވަންދެން ބަނދެފައި ބާއްވައިގެން ނަޖިސްނޫންތަކެތި ކާންދޭށެވެ. އަދި ބަކަރި ހަތް ދުވަސް ވަންދެން އަދި ކުކުޅު ތިން ދުވަސް ވަންދެން ބަނދެފައި ބާއްވައިގެން ނަޖިސްނޫން ތަކެތި ކާންދޭށެވެ. އޭރުން އޭގެ މަހާއި ކިރު ޙަލާލުވާނެއެވެ." (ރާއްޖެއިސްލާމް.ކޮމް)
މެދުމިންވެގެންވާ ނަޖިސް ދެބަޔަކަށް ބެހިގެންވެއެވެ. އެއީ

މިއީ ނަޖިހުގެ ކުލައާއި ވަހާއި ރަހަ އެނގެން ހުންނަ ނަޖިހެވެ. މިނަޖިސް ޖެހިފައިވާ ތަން ޠާހިރުވާނީ އެއިގެ ޢައިން (ކުލައާއި ވަހާއި ރަހަ) ފިލުވައިލުމުންނެވެ. ޢައިން ފިލަންދެން އެ ދޮންނަން ވާނެއެވެ. ޢައިން ފިލުވުން ޢުޛުރުވެރި ވެއްޖެނަމަ،ޢަފޫ ވާނެއެވެ. ނަޖިހުގެ ޢައިން ފިލުވުން ޢުޛުރުވެރި ވެއްޖެކަމަށް ބެލެވޭނީ ނަޖިސް ޖެހިފައިވާ ތަން ކަނޑާލައިގެންނޫނީ އަސަރުފިލައި ނުދާ ވަރަށް ނަޖިސްޖެހިފައި ހުރެއްޖެނަމައެވެ. މިސާލަކަށް ލޭ ޖެހިފައިވާ ފޮތިގަނޑެއްގެ ލޭ ކުލަ އެތަންކޮޅު ކަފާލައިގެން ނޫނީ ފިލައިގެންނުދާ ވަރަށް ދޮވެ ހެދުމަށްފަހު،ބެލެވޭނީ އެ ޠާހިރުކަމުގައެވެ.


މިއީ ނަޖިހުގެ ޣައިން (ކުލާއި ވަހާއި ރަހަ) އެނގެން ނެތް ނަޖިހެވެ. މިސާލަކަށް ކުޑަގިފިލި ޖެހި ނަޖިސްވެފައިވާ އެއްޗަކުން އެނަޖިހުގެ ކުލައާއި ވަހާއި ރަހަ އެނގެން ނެތް ނަމަ އެވާނީ މަޢުނަވީ ނަޖިހަކަށެވެ. މަޢުނަވީ ނަޖިސް ޖެހިފައިވާ ތަނަށް އޮހިގެންދާ ގޮތަށް ފެން އަޅާލުމުން ޠާހިރުވާނެއެވެ. މޮޅު އިތުރީ ތިން ފަހަރު ދޮވުމެވެ.
މުޝްރިކުންނާއި މުޝްރިކުން އަޅުކަންކުރަން ގެންގުޅޭ ތަކެއްޗަކީ މަޢުނަވީ ނަޖިސް ތަކެއްޗެވެ. މާތް ﷲ ޞުބުޙާނާޙޫ ވަތަޢާލާ ވަޙިކުރައްވާފައި ވެއެވެ. " انما المشركين نجس " މަނާ " މުޝްރިކުންނަކީ ނަޖިހެކެވެ. " ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމަ ޘަޤިފް ވަންހައިގެ ވަޤްފް އައުމުން އެމީހުން ބޭލުއްވީ އެކަލޭގެ ފާނުންގެ މިސްކިތަށެވެ. އެބަހީ މަސްޖިދުއް ނަބަވީއަށެވެ. މިކަމުން މި އެގުނީ މުޝްރިކުންނަކީ ނަޖިހެއް ނޫންކަމެވެ. ޠާހިރު ބައެއްކަމެވެ. މި އާޔަތުގައި އަންނަ މި ނަޖާސާގެ މާނައަކީ އެއީ މާނަވީ ނަޖާސާއެކެވެ. އެއީ އެއްގޮތަކަށްވެސް ޙިއްޞީ ނަޖިހެއް ނޫނެވެ. އެމީހުންގެ ޝިރުކުގެ ސަބަބުންނާއި ކުފުރުގެ ސަބަބުން އެމީހުންނަށް އަންނަ ނަޖިހެކެކެވެ. އެހެން ކަމުން އާދަމުގެ ދަރިންނަކީ ޠާހިރު އެއްޗެކެވެ.
" ރަލަކީވެސް މަޢުނަވީ ނަޖިހެކެވެ. ރާ ޙަރާމް ކުރެއްވިގެން ވިޔަސް އެއީ ނަޖިހެއް ނޫންކަމުގެ ދަލީލަކީ ރާ ޙަރާމް ކުރެއްވުމާ ގުޅިގެން އަޞްޙާބު ބޭކަލުންގެ އަތްޕުޅުގައި ރައްކާކުރެވިފައިވާ ގިނަ ޢަދަދެއްގެ ރާ، އެބޭފުޅުން މަގުމައްޗަށް އޮއްސާލެއްވިއެވެ. އެއީ ޙިއްޞީ ނަޖިހެއްނަމަ އަޞްޙާބުބޭކަލުން އެރާ މަގުމައްޗަކަށް ނުއޮއްސާނެއެވެ.


"ރާގެތެރެއަށް މީހަކު އެއްޗެއް އެޅުމަކާ ނުލައި ، އަމިއްލައަށް ހުރެ ހުތަށް ވުމުން ޠާހިރު ވާނެއެވެ.
މަރުވެފައިވާ މުޅަތަކެތީގެ ހަން ދިބާޢު ކުރުމަށް ފަހު ، އެހެން ބޭނުމެއް ކުރެވިދާނެއެވެ. މުޅަތަކެއްޗަކީ މަސްކެއުން ޙަރާމް ޖަނަވާރެއްކަމަށް ވެފައި އަދި އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޛަބަޙަ ކުރެވިފައިވާ ގޮތަށް މަރުވެފައިވާ ތަކެތި ކަމަށް ވިޔަސް ، އަދި އެގޮތަށް ޒަބަޙަކޮށްފައި ނުވާ ތަކެތިކަމަށް ވިޔަސް އޭގެ ހަން ދިބާޢުކޮށްގެން ޠާހިރު ވާނެއެވެ. ނަމަވެސް ކުއްތާއާއި އޫރުގެ ހަން ދިބާޢު ކުރިކަމަށް ވިޔަސް ޠާހިރު ނުވާހުއްޓެވެ.
ނަޖިހެއްގެ ތެރެއިން ދިރޭއެއްޗެއް އުފެއްދިއްޖެނަމަ އެއުފެދުނު އެއްޗެއް ޠާހިރު ވާނެއެވެ. " (ތަޢުލީމުއްދިޔާނާ 3)

- ކޮންމެ ނަޖިހަކީ ޙަރާމް އެއްޗެކެވެ. ނަމަވެސް ކޮންމެ ޙަރާމްއެއްޗަކީ ނަޖިހެއް ނޫނެވެ. މިސާލަކަށް ފިރިހެނުންނަށް ރަނަކީ ޙަރާމް އެއްޗެކެވެ. ނަމަވެސް ރަނަކީ އޭގެ ޒާތުގައި ނަޖިހެއްނޫނެވެ. ފަށުވި ފޭރާމަކީ ފިރިހެނުންނަށް ޙަރާމް އެއްޗެކެވެ. ނަމަވެސް ފަށުވި ފޭރާމަކީ ނަޖިހެއް ނޫނެވެ. ކޮންމެ ފިރިހެނެއްގެ މައްޗަށް އެމީހާގެ މަންމަ، އަންހެން ދަރިފުޅު ، އަދި އުޚުތުންނާއި ކައިވެނި ކުރުން ޙަރާމެވެ. އެކަމަކު އެ ޙަރާމްވަނީ އެއްގޮތަށް ވެސް ނަޖިހެއްގެ ސަބަބަކުންނެއް ނޫނެވެ. ކުޑަކަމުދާ އެއްޗެހި ބޮޑުކަމުދާއެއްޗެހި، ލޭ، ދޮސް މި ތަކެއްޗަކީ މިއީ ނަޖިސްވެފައި އަދި ހަމަ ޙަރާމްވެސް ތަކެއްޗެވެ. ހަމައެކަނި ފަރުވާއެއްގެ ގޮތުން މަސްކެވޭ ޖަނަޥާރުގެ ކުޑަކަމުދާ އެއްޗެހި ބޭނުން ކުރެވިދާނެއެވެ. މީގެ ދަލީލަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސއްލަމް ގެ ޒަމާނުގައި ބަޔަކަށް ޖެހުނު ފާޑެއްގެ ބައްޔެއްގެ ޝިފާޢެއްގެ ގޮތުން ޖަމަލުގެ ކިރާ އޭގެ ކުޑަގިފިލި ބޭނުން ކުރެވުނު ކަމަށްވެއެވެ.
- ކަނޑުގައި ލައްވާފައިވާ މަހާއި ގޮތްފުޅަނގި ޒިބްޚަ ކުރުމަކާއި ނުލައި މަރާލައިގެން ކެއުން ހުއްދަވާނެއެވެ. ލެއިގެ ތެރެއިން މަސްކެއުން ޙަލާލް ޖަނަވާރުގެ މޭގަނޑާއި ލަގޮނޑި ޙަލާލުވާނެއެވެ. މީގެ ދަލީލަކީ އިބްނު ޢުމަރުގެ ކިބައިން ރިވާ ވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިޙި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "احل لنا ميتتان ودمان:اما الميتتان فالحوت والجراد واما الدمان فالكبد والطحال" (رواه احمد وابن ماجه) މާނައީ :" މަރުވެފައިވާ ދެއެއްޗަކާއި ދެލެއެއް އަހަރުމެންނަށް ޙަލާލު ކުރެވުނެވެ. މަރުވެފައިވާ ދޭތި ދަންނައެވެ. އެއީ ކަނޑުގައި އުޅޭ މަހާއި ގޮތްޕުޅަނގިއެވެ.އަދި ދެލޭ ދަންނައެވެ.އެއީ މެއާއި ހުންކޮށްޓެވެ. އަދި ލޭ ނުހުންނަ ތަކެތިވެސް (މިސާލަކަށް ހިނި، މާމުއި ކުޅަނދުރު، ކަނޑާފަދަތަކެތި) މިބާވަތުން އިސްތިޘްނާ ވެގެންވެއެވެ. އެބަހީ މިބާވަތުގެ އެއްޗެއް ކާއެއްޗެއްގެ ތެރެއަށް ވެއްޓުނަސް އެ ނަޖިހެއް ނުވާނެއެވެ. އިމާމް ޝާފިޢީ ވިދާޅުވާ ގޮތުގައި މިބާވަތުގެ ތަކެއްޗަކީވެސް ނަޖިހެވެ. އެކަމަކު ގިނަ ޢިލްމުވެރިން ވިދާޅުވަނީ އެއީނަޖިހެއް ނޫންކަމަށެވެ.

-ގަނޑުކޮށް ހުރި އެއްޗަކަށް ނަޖިހެއް ވެއްޓުމުން ނުވަތަ އެޅުމުން އެއްޗެއް ޖެހުނުތަން ނަގާފައި އެއްލާލާނީއެވެ. މިކަމުގެ ދަލީލަކީ ގިތެޔޮ އެއްޗެއްގެ ތެރެއަށް މީދަލެއް އެރިގެން އެއާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސަލަމް އާ ސުވާލުކުރެއްވުމުން ޙަދީޘް ކުރައްވަނީ ހަމައެކަނި ޖެހުނު ތަނުން ނަގާފަ އެއްލާލުމަށެވެ. އެއީ ދިޔާއެއްޗެއް ނަމަ އެއްކޮށް ނަޖިހެވެ.
- ބިއްލޫރި ނުވަތަ އޮމާން އެއްޗެއްގައި ނަޖިހެއް ޖެހުމުން އެނަޖިސް ޠާހިރުކުރުމުގައި ޢިލްމުވެރުންގެ މެދުގައި އިޙްތިލާފް އުފެދިފައިވެއެވެ. ޙަނަފީ މަޛްޙަބުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި އެނަޖިސް ފޮތިގަނޑެއްފަދަ އެއްޗަކުން ފޮހެލުމުން ސާފުވާނެއެވެ. މި ބޭކަލުންގެ ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިޙި ވަސައްލަމް ގެ ޒަމާނުގައި ހަގުރާމައިގެ ތެރޭގައި ކާފަރުން މަރުވެ އެމީހުންގެ ލޭ ހޭކިފައިވާ ކަނޑިކޮޅު ސާފުނުކުރައްވައި އުރައިގެ ތެރެއަށް ލައްވައިގެން އަޞްޙާބުބެއިކަލުން ނަމާދުކުރއްވާފާއިވާ ކަމަށެވެ.
- ޙަންބަލީ މަޛްޙަބު އަދި ޝާފިޢީ މަޛްޙަބުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ބިއްލޫރި ނުވަތަ އޮމާންއެއްޗެއްގައި ޖެހިފައިވަ ނަޖިސް ފޮހެލުމުން ސާފުވާނެއެވެ. އަދި އެދޮވުން ލާޒިމެއް ނޫނެވެ.
- ކަސްތޫރިއަކީ ފުއްލާއެއްގެ ލެއެވެ. އެހެނަސް، އެ ޠާހިރެވެ.
- ނަޖިހެއް އަނދައިގެން އަރާ ދުން ނަޖިސް ވާނެއެވެ. އެކަމަކު މި ދުމުގެ މަދު މިންވަރު ޢަފޫ
ވާނެއެވެ. ތެތް އެއްޗެއްގައި މިދުން ޖެހިއްޖެނަމަ ދޮންނަން ޖެހޭނެއެވެ. އަދި ހިކި އެއްޗެއްގައިވެސް މިދުމުގެ އަސަރު ހިފައިފިއްޔާ ޖެހޭނީ ދޮންނާށެވެ.
- ކުއްތާއާއި އޫރާއި އެދޭތީގެ ނުވަތަ އެދޭތިންކުރެ އެކައްޗެއްގެ ދަރި ފިޔަވައި ބަޣްލާއާއި ޙިމާރު
އަދި މިނިކާ ޖަނަވާރު ފެން ބޮއިފައި ހުންނަފެން ޠާހިރެވެ.


1- އެއީ ފޭރާމުގައި ނުވަތަ ހަށިގަނޑުގައި ޖެހިފައި ހުންނަ މަދު ލެޔާއި ދޮސް.
2- ދިޔާ އެއްޗެއްގެ ތެރެއަށް މީހަކު ކުރިކަމަކާ ނުލައި ވެއްޓި މަރުވާ މެހި ކުރަފި ހޯނުފަދަ އޮހެރޭލޭ ނުހުންނަ ކުދިކުދި ސޫފިތައް.
3- ނަޖިސް ތަކެތީގެ ތެރެއިން އާދައިގެ މީހުންގެ ލޮލަށް ނުފެންނަ ވަރުގެ މަދު އެތިކޮޅު.
4- ނަޖިހާއި އެކުވެފައި ހުންނަ ކިސަޑާއި ފެނުގެ ތެރެއިން ހިގާއުޅުމަށް ރައްކާތެރި ވެގަތުން އުދަގޫ ތަކެތި .
5- ބަޅު އޫރުނޫން އެހެން ޖަނަވާރުގެ ނަޖިސް ކެހެރީގެ ތެރެއިން މަދުއެތިއތި ކޮޅު.
6- ކުޑަ ކުއްޖާ ގެންގުޅޭއިރު (މައިމީހާގެ) ގައިގައި ޖެހޭ އެކުއްޖާގެ ކުޑަ ގިފިލީގެ މަދުމިންވަރު.

ނަޖިސްކަން ގަދަވެގެންވާ ނަޖިހަކުން ނަޖިސް ވެފައިޥާ އެއްޗެއް ޠާހިރުވާނީ އެ ނަޖިހުގެ ޢައިނު ފިލުވައިލުމަށް ފަހު، ހަތްފަހަރު ދޮވުމުންނެވެ. އެއިގެ ތެރެއިން އެއްފަހަރު ދޮންނާނީ ވެލިލައިގެންނެވެ.
ނަޖިސްކަން ލުއިވެގެންވާ ނަޖިހަކުން، ނަޖިސްވެފައިވާ އެއްޗެއް ޠާހިރުވާނީ އޭގެ ޢައިނު ފިލުވައިލުމަށް ފަހު، ނަޖިސް ޖެހުނު ހިސާބު ތެމޭވަރަށް ފެނަ ވިއްސައިލުމުންނެވެ.
ނަޖިސްކަން މެދުމިންވެގެންވާ ނަޖިހުގެ ތެރެއިން ޙުކުމިއްޔަ ނަޖިހެއް ޖެހިފައިވާ ތަނަށް އެންމެ ފަހަރަކު ނަމަވެސް ފެން އޮހޮރުވައިލުމުން ޠާހިރުވާނެއެވެ. ޢައިނިއްޔަ ނަޖިހެއް ޖެހިފައިވާ ތަން ޠާހިރުވާނީ ރަހަޔާއި ކުލަ ވަސް ފިލުވައިލުމުންނެވެ. ފިލުވައިލުން ދަތިވެއްޖެ ޙާލެއްގައި ކުލައެކަނި ނުވަތަ ވަސް އެކަނި ހުއްޓަސް ޠާހިރުވާނެއެވެ. ރަހައެކަނި ނުވަތަ ވަހާއި ކުލަ ނުފިލައި ހުރެއްޖެނަމަ، ފިލުވުމުން ޢުޛުރު ވެރިވެއްޖެއުމަށް ދާންދެން ސައިބޯނިފަދަ ތަކެތިލައިގެން ދޮންނަން ވާނެއެވެ. ޢުޛުރުވެރި ވެއްޖެނަމަ ހިމެނޭނީ ޢަފޫ ވަނިވި ނަޖިހުގެ ތެރެއިންނެވެ. ނަޖިސް ފިލުވަން ދަތިވުމަކީ ތިން ފަހަރު ފެންއަޅައިގެން އުނގުޅައިލުމުން ފިލައިގެން ނުދިއުމެވެ. ޢުޛުރު ވެރިވުމަކީ ކަނޑާލައިގެން ނުވަތަ ހަލާކުކޮށްލައިގެން ނޫނީ ނުފިލުމެވެ.
ނަޖިސްވެފައިވާ ތަކެތި ޠާހިރުކުރުމުގައި މަދުފެނުން ޢަމަލުކުރާނަމަ، ނަޖިސްޖެހިފައި ހުރިތަނަށް ފެން އޮހެރިގެން ދިއުން ޝަރުޠުވާނެއެވެ. މަދުފެނުގެ ތެރެއަށް ގަންބައިގެން ދޮވެފިނަމަ، އެފެން ނަޖިސްވެދާނެއެވެ. ގިނަ ފެނުގެ ތެރެއަށް ގަންބައިގެން ދޮވުމަކުން އެފެން ތަޢައްޔަރު ނުވާހާ ހިނދަކު ގެއްލުމެއް ނުވާނެއެވެ.

"މުޅަތަކެތީގެ ހަން ދިބާޣުކުރުމުން ޠާހިރުވާނެއެވެ. ދިބާޣުކުރުމަކީ ހަންގަނޑުގައިހުންނަ ކުދިކުދި މަސްކޮޅުކޮޅާއި ލޭކޮޅުކޮޅާއި ސަރުބީ ކޮޅުކޮޅުފަދަތަކެތި ނަގާ އެއިން ކުނިވަސް ފިލުވުމެވެ. ދިބާޣުކުރެވުނުކަމަށްވާނީ އޭތި ފެނަށްލުމުން އަލުން ކުނިވއސް ނުދުވާވަރަށް ކުނިވަސް ފިލުމުންނެވެ. ދިބާޣުކުރުމަސްޓަކައި އަންނާރު ތޮށިފަދަ ތޫނު އެއްޗެއް ބޭނުން ކުރިޔަސް، ކޮތަރުގުއި ފަދަ ނަޖިސް އެއްޗެއް ބޭނުން ކުރިޔަސް އެންމެ ރަގަޅެވެ. އެކަމަކު އަވީގައި ބަހަށްޓައިގެން ނުވަތ ފަސްގަނޑުތެރޭ ވަޅުލައިގެން ދިބާޣެއް ނުކުރެވޭނެއެވެ. ރަސޫލުﷲގެ ފާނު ޙަދީޘް ކުރައްވަނީ ايما اهاب دبع فقد طهر (رواه مسلم ) ދިބާޣުކުރެވުން ކޮންމެ ހަމަކީ ޠާހިރު އެއްޗެކެވެ." (ފަސޭހަ ފިޤުހު)
"މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.( ރަސޫލާގެ އަނބިއަނބި ކަނބަލުންގެތެރެއިން) މައިމޫނާގެ އަޅުމީހަކަށް ހަދިޔާ ކުރެވުނު ބަކަށްޓެއް މަރުވުމުން އެއެއްލައިލާން އުޅޭތަން އިތުރު އެކަލޭގެފާނަށް ފެނިވަށައިގެން ޙަދީޘްފުޅުކުރެއްވިއެވެ. " ތިޔަބައިމީހުން އޭގެ ހަން ނަގައި އެހަން ދިބާޢުކޮށް އެއިންފައިދާ ނުނަގަންވީ ކީއްވެ ހެއްޔެވެ؟" އެމީހުން ދެންނެވިއެވެ. "އެއީ މަރުވެފައިވާ އެއްޗެކެވެ. " އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ." ހަމަ ކަށަވަރުން ޙަރާމް ކުރެވިފައިވަނީ އެކެއުމެވެ." (رواه الجماعة).އަންޣާމް ސޫރަތުގެ 145ވަނަ އާޔަތުގައި "ميتته" (މަރުވެފައިވާ ތަކެތި) މިކަލިމައިގެ ތަފްސީރުގައި މާތްﷲ ރުއްސުނަލެއްވި އިބްނުޢައްބާސް ވިދާޅުވެފައިވެއެވެ. " ހަމަކަށަވަރުން އެއިން ޙަރާމް ކުރެވިފައިވަނީ އޭގެ މަހެވެ. ފަހެ، އޭގެ ހަމާއި ދަތާއި ކަށްޓާއި ކެހެރިފަދަ ތަކެތި ޙަލާލުވެގެންވެއެވެ. " (رواه ابن المنذر وابن ابى حتم )" (ރާއްޖެއިސްލާމް.ކޮމް)

ދިބާޣުކުރެވުން އެތީގެ ޙުކްމަކީ ނަޖިސް ވެފައިވާ އެތީގެ ޙުކްމެވެ. ވީމާ ދިބާޣުކުރެވުނު އެއްޗެއް އަނގެގެން ނުވަތަ ލައިގެން ނަމާދު ކުރެވޭނީ އެއްޗެއް ދޮވެ ޠާހިރު ކުރުމަށްފަހުގައެވެ. އެކަމަކު އެ އެތި ދޮވުމުގެ ކުރިން ވިއްކުން ހުއްދަވާނެއެވެ. ބަޅުއޫރާއި އެދޭތިންކުރެ އެއްޗެއް އެހެން ޖަނަވާރަކާ ގުޅިގެން ލިބޭ ޖަނަވާރުގެ ހަން ދިބާޣުކުރުމަކުން ޠާހިރެއް ނުވާނެއެވެ.

1 comment:

  1. Daftar Situs Judi Slot Online | Pragmatic Play - Casinoinjapan 12bet 12bet 제왕카지노 제왕카지노 우리카지노 우리카지노 jeetwin jeetwin ボンズ カジノ ボンズ カジノ matchpoint matchpoint カジノ シークレット カジノ シークレット 카지노사이트 카지노사이트 383 How to Play Pokies Online – Play Pokies for Real Money

    ReplyDelete